ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުން, މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ގާނޫނީ ސަބަބެއް އޭނާގެ ފަރާތުން ހުށަނޭޅުމުން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
އާޒިމާގެ މައްޗަށް އުފުލާފައިވަނީ ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންނަށް މަގުފަހި ކޮށްދިނުމުގެ ދައުވާއެވެ.
އެ ދައުވާތަށް އާޒިމާގެ މައްޗަށް އުފުލާފައިވަނީ, ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުވި މައްސަލައާ ގުޅިގެންނެވެ. ނަމަވެސް ދަށު ކޯޓުން ޔާމީނަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
އެހެން ކަމުން އާޒިމާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އޭނާ ހައި ކޯޓަށާއި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް މަތީ ކޯޓުތަކުން ނިންމާފައިވަނީ އެ ދައުވާތަށް ބާތިލް ކުރަން ޖެހޭ ގާނޫނީ އަސާސެއް ނެތް ކަމަށެވެ. އެ ނިންމުމަށް ހަވާލާދެއްވާ މިއަދު އާޒިމާ އެދިވަޑައިގަތީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައިވާ ނިންމުން މުރާޖައާ ކޮށްދިނުމަށެވެ.
ނަމަވެސް މައްސަލަަތައް ކުރިއަށް ނުގެންދެވޭނެ ކަމުގެ ގާނޫނީ ސަބަބެއް އާޒިމާގެ ފަރާތުން ހުށަހަޅާފައި ނެތް ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް މީގެ ކުރިން ވެސް ނިންމާފައި އޮތް ނިންމުމުގެ މައްޗަށް ބުރަވެ ގާޒީ އަލީ އާދަމް ވަނީ ޝަރީއަތް ފެށުމުގެ ކުރިން ދެ ފަރާތުގެ ހުށަހެޅުންތައް ހުށަހެޅުމަށް އަންގަވާފައެވެ. އަދި އެކެމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އާޒިމާގެ މައްޗަށް ދައުލަތުގެ މުއައްސަސާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ރައީސް ޔާމީންގެ މައްޗަށް ކުރި މަނީލޯޑަރިންގެ ދައުވާ އާ ގުޅިގެން، އެންޓި ކޮރަޕްޝަންސް ކޮމިޝަން (އެސިސީ) އަށް ދޮގު މައުލޫމަތު ދިން ކަމަށް ބުނެއެވެ.
މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ދައުލަތުން އުފުލީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އޭސީސީއާ އެކު އެއްބަސްވެވަޑައިގަތުމަށްފަހު އެއާ ޚިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.
އާޒިމާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހުއެވެ.