ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ 3.5 މިލިޔަން ކުދިން ކިޔެވުމުން މަހުރޫމު ވެފައި

ޕާކިސްތާނުގައި ފެންބޮޑުވެފައި

އިސްލާމް އާބާދު (11 ސެޕްޓެމްބަރު 2022) : ޕާކިސްތާނަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާގެ ސަބަބުން އެ ގައުމުގެ ކިޔަވާކުދިންގެ ތެރެއިން 3.5 މިލިއަން ކުދިންގެ ކިޔެވުން ހުއްޓިފައިވާކަމަށް އދ. އިން ބުނެފިއެވެ.

ޕާކިސްތާނަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާގެ ހާލަތު ބެލުމަށްފަހު އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް އިން ނެރުނު ރިޕޯޓް ބުނާގޮތުން ފެންބޮޑުވުމުގެ ކާރިސާގެ ސަބަބުން ޕާކިސްތާނުގެ ސްކޫލް ދަރިވަރުންގެ ތެރެއިން 3.5 ކުދިންގެ ކިޔެވުންވަނީ މެދުކެނޑިފައެވެ.

3.5 މިލިޔަން ކުދިންގެ ކިޔެވުން މެދުކެނޑިފައިވަނީ އެކުދިން ކިޔަވަމުންދިޔަ ސްކޫލްތަކުގެ ތެރެއިން އެތައް ސްކޫލެއް ފެންބޮޑުވުމުގެ ސަބަބުން ހަލާކުވުމާ އަނެއްބައި ސްކޫލްތައް ވަރަށް ބޮޑަށް މަރަމާތުކޮށްގެން މެނުވީ ކިޔަވައި ދެވެން ނެތުމުންނެވެ. ކިޔެވުން ހުއްޓިފައިވާ 3.5 މިލިޔަން ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ ފެންބޮޑުވުމުގެ ސަބަބުން ގެދޮރުގެއްލި ރެފިއުޖީންނަށް ވެފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިންނެވެ.

ޕާކިސްތާނުގައި ފެންބޮޑުވެފައި

ޕާކިސްތާނު ސަރުކާރު ބުނާގޮތުން ވިއްސާރައިގެ ސަބަބުން އެގައުމަށް މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުުމުގެ ކާރިސާއަކީ ތާރީޚަށް ބަލާއިރު ވިއްސާރައިގެ ސަބަބުން އެގައުމަށް މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު ކާރިސާ ކަމަށެވެ. މި ކާރިސާގައި ލިބުނު ގެއްލުން 33 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް ޕާކިސްތާނުގެ ޑިޒާސްޓާ މެނޭޖްމަންޓުން ބުނެއެވެ.

ވިއްސާރައިގެ ގެއްލުން ޕާކިސްތާނުގެ 33 މިލިޔަން މީހުންނަށް ވަނީ ލިބިފައެވެ. ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގައި 2.3 މިލިއަން ގެ ވަނީ ހަލާކުވެފައެވެ. 13 މިލިޔަން މީހުން ވަނީ ހިޔާވަހި ކަމެއްނެތި ރެފިއުޖީންނަށް ވެ މަގުމަތިވެފައެވެ. ދަނޑުބިންތަކަށް ބަލާއިރު ވެސް ގާތްގަނޑަކަށް 2 މިލިޔަން ހެކްޓަރުގެ ދަނޑުބިންތައް ވަނީ ފެނުގެ އަޑީގައެވެ. އެ ގައުމުގެ 145 ބްރިޖް ވަނީ ވެއްޓިފައެވެ. ސަތޭކަ ބާވީސް ފިހާރަ އާއި 3183 ކިލޯމީޓަރުގެ މަގާއި ހައިވޭ ވަނީ ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ހަލާކުވެފައެވެ. ނަތީޖާއަކީ ފެންބޮޑުވެފައިވާ ގިނަ ހިސާބުތަކަށް ދެވޭނެ ގޮތެއްވެސް ނެތުމެވެ. މީގެއިތުރުން 2000 އަށްވުރެ ގިނަ ސްކޫލާއި 1460 އަށްވުރެ ގިނަ ސިއްހީ މަރުކަޒު ވެސް ވަނީ ހަލާކުވެފައެވެ.

މި ގެއްލުންތައް ބައްލަވާލެއްވުމަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދެވޭނެ ގޮތްތަކާ ބެހޭ ގޮތުން ޕާކިސްތާނުގެ ވެރިންނާ މަޝްވަރާކުރުމަށްޓަކައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެޝް މިދިޔަ ހަފުތާގައި ވަނީ ޕާކިސްތާނަށް ޒިޔާރަތް ކުރައްވާފައެވެ.

ޕާކިސްތާނަށް ވަޑައިގެން ގުޓަރެޝް ވަނީ ޕާކިސްތާނަށް ބޭނުންވާ އިންސާނީ އެހީ އާއި އެ ގައުމުގެ ހަލާކުވެފައިވާ ސަރަހައްދުތައް އަލުން ބިނާކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާގެ އެހީތައް ދިނުމަށް ދުނިޔޭގެ ގައުމުތަކަށް އިލްތިމާސް ކުރައްވާފައެވެ.

އދ. ބުނާގޮތުން އެ ޖަމާއަތުގެ ސެޓެލައިޓް ސެންޓަރުން ކުރި ސާވޭއަކުން ދައްކާގޮތުގައި ޕާކިސްތާނުގެ ބިމުގެ 75 ހާސް އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ވަނީ ފެނުގެ އަޑީގައެވެ. ފެނުގެ އަޑީގައިވާ ސަރަހައްދުތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ގޮވާމާއި ތަރުކާރީ އާއި މޭވާގެ ބާވަތްތައް އުފައްދާ ދަނޑުތަކެވެ.

comment ކޮމެންޓް