ޖުލައި އަދި އޯގަސްޓު މަހު ތިން ބައްޔެއް ޖެހުނު މީހުން އިތުރުވެއްޖެ

ފްލޫ ކްލިނިކެއް --- ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ތިން ބައްޔެއް ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް, ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުގައި، ވޭތުވެ ދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އިތުރުވި ބަލިތަކުގެ ތެރޭގައި ޑެންގީއާއި އަރިދަފުސް ރޯގާއާއި ބޭރަށް ހިނގުމުގެ ބަލި ހިމެނެއެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ޑެންގީގެ 21 ކޭސް ރިޕޯޓު ކޮށްފައިވާއިރު ހަމަ އެ އަހަރުގެ އޯގަސްޓު މަހު ޑެންގީގެ ނުވަ ކޭސް ރިިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް މިދިޔަ އަހަރާ ބަލާއިރު މިއަހަރުގެ މި ހިސާބުގައި ޑެންގީ ޖެހުނު މީހުންގެ ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެގޮތުން މި އަހަރުގެ ޖުލައި މަހު ޖުމުލަ 322 ކޭސް ރިޕޯޓުކޮށްފައިވާއިރު މިދިޔަ އޯގަސްޓު މަހު ޑެންގީގެ 268 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

އެޗްޕީއޭއިން ވަނީ، މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކޮށް، ފަތިސް ގަޑީގައާއި ހަވީރު އިރުއޮއްސޭ ވަގުތުގައި ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން މުހިންމު ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.

ޑެންގީ ޖެހިއްޖެ ނަމަ އަރާމު ކުރުމާއި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި ޕެރެސެޓެމޯލް ބޭނުން ކުރުމަކީ ގޭގައި ދެވިދާނެ ފަރުވާތަކެވެ. އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެހި ބޭނުން ނުކުރެވޭ ނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ އަހަރުގެ ޖުލައި މަހު 3،088 ކޭސް ރިޕޯޓު ކޮށްފައިވާއިރު އެ އަހަރުގެ އޯގަސްޓު މަހު 16،222މީހުން ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ.

އެ އަދަދުތަކާ ބަލާއިރު ރޯގާ ޖެހިގެން މި އަހަރުގެ ޖުލައި އަދި އޯގަސްޓު މަހު ރިޕޯޓު ކޮށްފައިވާ މީހުން ގިނައެވެ.

އެގޮތުން ރޯގާ ޖެހިގެން މި އަހަރުގެ ޖުލައި މަހު ވަނީ 27،553 ކޭސް ރިޕޯޓު ކޮށްފައެވެ. އަދި މިދިޔަ މަހު ރޯގާ ޖެހިގެން 25،713 ކޭސް ވަނީ ރިޕޯޓު ކޮށްފައެވެ.

އެޗްޕީއޭއިން ބުނީ އަރުދަފުސް ރޯގާއިން ރައްްކާތެރިވުމަށް ފިޔަވަޅުތައް އެޅުން މުހިންމު ކަމަށެވެ. އެގޮތުން ކިނބިހި އަޅާއިރު އަނގަ މަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުމާއި އާއްމު ސާފުތާހިރުކަމަށާއި ޚާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން ހިމެނެއެވެ.

މީގެ އިތުރުން ބޭރަށް ހިނގުމާއި ހޮޑުލުމުގެ ބަލި ޖެހިގެން މި އަހަރުގެ ޖުލައި މަހު ވަނީ 3،103 ކޭސް ރިޕޯޓު ކޮށްފައެވެ. އަދި މިދިޔަ އޯގަސްޓު މަހު ވަނީ 3،505 ކޭސް ރިޕޯޓު ކޮށްފައެވެ.

މި ތިން ބަލިވެސް ވޭތުވެދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުވެފައިވާތީ އެޗްޕީއޭ އިން ވަނީ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް