އެމްޓީސީސީއަށް މިނީ ބަސް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ، "ދިޔަރެސް" ނޫހުގައި ރިޕޯޓުކޮށްފައިވަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށް އެ ކުންފުނިން މިރޭ ބުނެފިއެވެ.
މި ޚަބަރާ ގުޅިގެން އެމްޓީސީސީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ޓަކައި، ދިވެހި ސަރުކާރުން އެކަށަ އަޅާފައިވާ އިސްތިރާޖީ ރޭވުންތައް ތަންފީޒުކުރާ އެއް ކުންފުނީގެ ހައިސިއްޔަތުން، މި ހަފުތާގައި އެ ކުންފުނިން ޚިދުމަތް ފެށި، ރާއްޖެ ޓްރާންސްޕޯޓް ލިންކުން، މާލެއަށް ތައާރަފުކުރި، ބަހުގެ ޚިދުމަތަށް އާންމު ރައްޔިތުންގެ ފަރާތުން، ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
އެކަމަކު އެކަން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް އަދި އެ ކުންފުނި ބަދުނާމު ކުރުމުގެ ނިޔަތުގައި، "ދިޔަރެސް" ނޫހުގައި މި މަހުގެ އަށް ވަނަ ދުވަހު ޝާއިއުކޮށްފައިވާ ޚަބަރަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށް އެ ކުންފުނީގެ ބަޔާނުގައިވެއެވެ.
"ދިޔަރެސް" ނޫހުގައި ޝާއިއުކުރި ޚަބަރުން، ރައްޔިތުންގެ ހިތުގައި އެ ކުންފުންޏަށާއި، ކުންފުނިން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި، ކުންފުނިން ފޯރުކޮށްދެމުން ގެންދާ އާންމު ދަތުރުފަތުރުގެ ޚިދުމަތާމެދު، އުފެދިފައިވާ އިތުބާރާއި، ލޯބި ފަނޑު ކޮށްލަން، ގަސްތުގައި މަސައްކަތް ކޮށްފައިވާކަން އެނގޭކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
"މިއީ ދެފުށް ފެންނަ މިނިވަން ނޫސްވެރިކަމެއް ދިވެހިރާއްޖޭގައި ކުރިއަށްދާ ޒަމާނެއްގައި، ހަޤީޤަތް އޮޅުވާލުމަށް "ދިޔަރެސް" ނޫހުން ހިންގި، ވަރަށް ނާތަހުޒީބު ޢަމަލެކެވެ. އަދި މިކަން ކުރުމުގެ މަޤްސަދަކީ، ޒާތީ ތަޢައްސުބް އިސްކޮށް، ސިޔާސީ މަންފާއެއް ހޯދުމުގެ ވިސްނުމުގައި ކަން، ހިތާމަޔާއެކު ފާހަގަ ކުރަމެވެ. މިފަދަ ކަންކަން މަދު ފަރާތްތަކުން ކުރަމުން ގެންދިޔަ ނަމަވެސް، މީޑިއާގެ ވަސީލަތް ތަކުން، ޒިންމާދާރު ނޫސްވެރިކަމެއް ކުރަމުން ގެންދާކަން ވެސް، މި ފުރުސަތުގައި ފާހަގަ ކުރަމެވެ،" ބަޔާނުގައި ބުނެފައިވެއެވެ.
އެމްޓީސީސީގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ އެ ކުންފުނި ބަދުނާމުވާ ވާގޮތަށް އަދި އާންމު ރައްޔިތުންގެ މެދުގައި، ކުންފުންޏަށް އޮތް އިތުބާރު ގެއްލޭ ގޮތަށް، އެފަދަ ހަގީގަތާއި ޚިލާފު ދޮގު ޚަބަރު ނުފެތުރުމަށް "ދިޔަރެސް" ނޫހަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެ ކުންފުނިން ވަނީ ސަރުކާރާއި، ކުންފުނީގެ ހިއްސާދާރުންނާއި، ކަސްޓަމަރުންނާއި އަދި ވިޔަފާރީގެ އެންމެހާއި ބައިވެރިން، ކުންފުންޏަށް ކުރަމުން އަންނަ އިތުބާރަށް، ޝުކުރު އަދާކޮށްފައެވެ.