ލިވަޕޫލްގެ ކޯޗު ވަކިކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި

ލިވަޕޫލްގެ ސަޕޯޓަރުންނާ ރައީސް މައުމޫން ބައްދަލުކޮށްލައްވަނީ --- ފޮޓޯ/ ރައީސް މައުމޫންގެ ޓްވީޓާ

ލިވަޕޫލްގެ ކޯޗުކަމުން ޖާގެން ކްލޮޕް ވަކިކުރުމަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގޮވާލައްވައިފިއެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަންކުރެއްވި ރައީސް މައުމޫން ލިވަޕޫލްގެ ކޯޗު ކްލޮޕް މަގާމުން ވަކިކުރުމަށް ގޮވާލައްވާފައި މިވަނީ އެމަނިކުފާނުގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށެވެ.

ކްލޮޕް މަގާމުން ވަކިކުރުމަށް ގޮވާލައި ޓްވީޓް ކުރިނަމަވެސް ރައީސް މައުމޫނު ފަހުން ވަނީ އެ ޓްވީޓް ޑިލީޓްކޮށްލައްވާފައެވެ.

ބެލެވޭގޮތުގައި ރައީސް މައުމޫން ކްލޮޕް މަގާމުން ވަކިކުރުމަށް ގޮވާލައްވާފައިމިވަނީ، މި ފަހަކަށް އައިސް ލިވަޕޫލް ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. އެންމެފަހުން ލިވަޕޫލް ވަނީ ޔުއެފާ ޗެމްޕިއަންސް ލީގްގައި ނަޕޯލީއާ ދެކޮޅަށް ކުޅުނުމެޗުން ވެސް ތަފާތުބޮޑު ނަތީޖާއަކުން ބަލިވެފައެވެ.

މަޤާމުން ވަކިކުރުމަށް ގޮވާލައްވައި ރައީސް މައުމޫން ކުރެއްވި ޓްވީޓް

ރައީސް މައުމޫނަކީ ލިވަޕޫލްގެ ދުވަސްވީ ސަޕޯޓަރެކެވެ. ލިވަޕޫލް ކުޅޭ މެޗްތައް ރައީސް މައުމޫން ގަވާއިދުން ބައްލަވައެވެ. 2018 ވަނަ އަހަރު ރައީސް މައުމޫން ވަނީ ރާއްޖޭގައި ތިބި ލިވަޕޫލް ސަޕޯޓަރުންގެ ދައުވަތަކަށް ލިވަޕޫލް ކުޅުނު މެޗެއް ވެސް ބައްލަވާލައްވާފައެވެ.

ލިވަޕޫލާ ގުޅޭ ޚަބަރުތައް ވެސް ރައީސް މައުމޫން ސޯޝަލް މީޑިއާގައި ހިއްސާކުރައްވައެވެ. ރައީސް މައުމޫން ވިދާޅުވާގޮތުން ނަމަ، އެމަނިކުފާނު ކުޅޭ ހިތްނުވާ އެންމެ ބަލާހިއްވާ ކުޅިވަރަކީ ފުޓްބޯޅައެވެ. އެންމެ ބަލާހިއްނުވާ، ކުޅޭހިތްވާ ކުޅިވަރަކީ ކްރިކެޓެވެ.

comment ކޮމެންޓް