ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒް ދޭން ފަށައިފި

ކޮވިޑް ބޫސްޓާގެ ދެވަނަ ޑޯޒް ދޭން ފަށައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ވެކްސިނުގެ ހަތަރު ވަނަ ޑޯޒް ދޭން ފަށައިފިއެވެ.

އެކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރި އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން އުމުރުން 18އަހަރުން މަތީގެ މީހުންނަށް ކޮވިޑުގެ ހަތަރު ވަނަ ޑޯޒް ދޭން ފަށާފައިވާ ކަމަށެވެ.

އެގޮތުން މި ޑޯޒު ޖަހަން ހަމަޖެހިފައިވަނީ ކޮވިޑްގެ ފުރަތަމަ ބޫސްޓާ ޖެހިތާ ހަތަރު މަސް ފުރިހަމަވެފައިވާ މީހުނަށެވެ.

އެ އިއުލާނުގައި ވާގޮތުން ޝަރުތު ހަމަވާ މީހުންނަށް މިއަދުން ފެށިގެން ހަތަރު ވަނަ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިން ޖަހައިދޭނެއެވެ. އަދި މާލޭ ސަރަހައްދުން ވެކްސިން ޖަހައިދޭން ހަމަޖެހިފައިވަނީ އެ ޕޮއިންޓްމަންޓް އުސޫލުން ކަމަށް އެ އިއުލާނުގައިވެއެވެ.

"އަތޮޅުތެރޭގައި ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާގޮތް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން އާންމުކުރާނެ،" އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ވެކްސިނުގެ ފުރަތަމަ ޑޯޒް މިހާތަނަށް ފުރިހަމަކޮށްފައި ނުވާ މީހުނަށް ވެސް ވެކްސިން ދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެ އިއުލާނުގައިވެއެވެ.

މާލޭ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުން އާދިއްތަ އަންގާރަ އަދި ބުދަ ދުވަހުގެ މެންދުރު 12:00އިން 14:00އާ ހަމައަށެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖަހައިދޭން ހަމަޖެހިފައިވާ ގަޑިތަކަކީ އާދިއްތަ އަންގާރަ އަދި ބުރާސްފަތި ދުވަހު މެންދުރު 13:00އިން 15:00އާ ހަމައަށެވެ. އަދި ދަމަނަވެށިން ވެކްސިން ޖަހައިދެނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު މެންދުރު 13:00އިން 15:00އަށެވެ.

އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް