ކުޅުދުއްފުއްޓާއި އައްޑޫގައި އާސަންދައިގެ ކައުންޓަރެއް ގާއިމުކޮށްފި

ރާއްޖެތެރޭގެ ރަށްތަކަށް ފަސޭހަކަމާއެކު އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ހދ. ކުޅުދުއްފުށި ސިޓީގަ އާއި އައްޑޫ ސިޓީގައި އާސަންދައިގެ ކައުންޓަރެއް ގާއިމުކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ހަމައެކަނި މާލެއިން އާސަންދައިގެ ޚިދުމަތް ލިބޭގޮތަށް އޮތުމުން ދަތި އުނދަގޫތަކެއް ހުންނަ ކަމަށް އެކި މީހުންގެ ޝަކުވާ އަންނަ ކަމަށެވެ.

އެކަން ހައްލުކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށް މިއުވާން ވިދާޅުވިއެވެ.

އެގޮތުން އަތޮޅުތެރޭގެ ހުރިހާ ހިސާބަކަށް ވެސް މިހާރަށްވުރެ ފަސޭހަކަމާއެކު އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައި އާސަންދައިގެ ކައުންޓަރެއް މިއަދު ހުޅުވާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އާސަންދައިގެ ޑެސްކެއް ގާއިމުކޮށް، ހޮސްޕިޓަލްތައް މެދުވެރިކޮށް އެ ޑެސްކުން ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

"މި ދެ ސަރަހައްދުގަ އާސަންދައިގެ ކައުންޓަރު ގާއުމުކުރި ނަމަވެސް ސަރުކާރުގެ އަމާޒަކީ މާލޭގެ ހެޑް އޮފީހުން ހަމަ އެކަނި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބަދަލުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އެ ޚިދުމަތް ރައްޔިތުންނަށް އެންމެ ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ ގޮތް ހަދައިދިނުން،" އޭނާ ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ރައްޔިތުން ވެސް މާލޭގައި ހުންނަ އާސަންދައިގެ އޮފީހުން އެ ޚިދުމަތް ލިބިގަންނަމުންދާއިރު، މިއުވާން ވިދާޅުވީ އައްޑޫ ސިޓީއާއި ކުޅުދުއްފުށީ ސިޓީގައި އެ ޚިދުމަތް ފޯރުކޮށްދޭ ކައުންޓަރެއް ގާއިމު ކުރުމަކީ ރައްޔިތުންގެ ތަކުލީފުތަކަށް ލިބޭނެ ލުޔެއް ކަމަށެވެ.

comment ކޮމެންޓް