ގާނޫނީ ވަކީލު އަޙުމަދު ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް ލީކުވެ، އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާތީ ޝަރުއީ ކޯޓަކުން އޭނާގެ މައްޗަށް ހުކުމެއް ކަނޑައަޅައި އޭނާގެ މައުސޫމުކަން ސާބިތުވަންދެން ނާޒިމްގެ ވަކީލުކަމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިދިނުމަށް އެދި ބާ ކައުންސިލަށް ހުށަހެޅި މައްސަލަ ބެލެން ނެތް ކަމަށް ނިންމައިފިއެވެ.
އެ މައްސަލަ ބާ ކައުންސިލަށް ހުށަހެޅުއްވީ, ގާނޫނީ ވަކީލު އަޙުމަދު ޠާލިބުއެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ނާޒިމް ސައްތާރަކީ ބާ ކައުންސިލުގެ ހުއްދަ ލިބިގެން ގާނޫނީ ވަކީލުކަމާއި އެހެނިހެން ގާނޫނީ މަސައްކަތްތައް ކުރައްވާ ވަކީލަކަށް ވާތީ ކަމަށެވެ.
ނާޒިމް ސައްތާރުގެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅާފައިވަނީ ޖުލައި މަހުގެ ހަ ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ގޮތެއް ނިންމާފައިވަނީ އިއްޔެއެވެ.
ޠާލިބު ހުށަހެޅުއްވި ޝަކުވާއާ ގުޅޭ ގޮތުން ބާ ކައުންސިލުން ނިންމި ނިންމުމުގައި ބުނެފައި ވަނީ, ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅޭނީ ގާނޫނީ ވަކިލަކާ ހަވާލުކުރާ މަސައްކަތަކާ ގުޅިގެން އެ ވަކީލަކު އަމަލުކުރާ ގޮތެއްގެ ސަބަބުން ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފުވުމުން ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
"ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާގެ ދަށުން ނާޒިމްގެ ސުލޫކީ މައްސަލައެއް ބެލިދާނެ ފަދަ ޝަކުވާއެއްކަމަށް ނުފެންނާތީ މި ޝަކުވާ ބެލެންނެތްކަމަށް ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމެޓީން ނިންމާފައިވޭ," ޠާލިބަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި, ނާޒިމް ހައްޔަރުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އަދި އޭނާގެ މައްޗަށް ދައުވާ އުފުލުމަށް އެދި ފުލުހުން ވަނީ މައްސަލަ ޕީޖީއަށް ފޮނުވާފައެވެ.
އެ މައްސަލާގެ ތުހުމަތު ކުރެވޭ އަލަމްގީރު ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފު ވުމުން އޭނާގެ މައްޗަށް ކުށް ވަނީ ސާބިތުވެފައެވެ. އެގޮތުން ހަތް މަހާއި ހަތް ދުވަހަށް އޭނާ ވަނީ ޖަލަށް ލައިފައެވެ.