އަންކަރާ (7 ސެޕްޓެމްބަރު 2022) : ޔޫރަޕްގެ ގައުމުތަކަށް ކުރިމަތިވެފައިވާ ގޭހުގެ މައްސަލައަކީ އެގައުމު ތަކުން އަމިއްލައަށް ޖެހުނު ދަންތުރައެއް ކަމަށާއި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެގައުމުތަކުން ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އެރުދުޣާން ވިދާޅުވެއްޖެއެވެ.
އަންކަރާގައި ދެއްވި ބަޔާނެއްގައި އެރުދުޣާން ވިދާޅުވީ ޔުކްރެއިން ހަނގުރާމައިގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި ބިރުދައްކައިގެންނާއި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ވަކި ގައުމެއް އިނދަޖައްސާލަން އުޅުމުގެ ނަތީޖާ ޔޫރަޕަށް މިއަދު އެދަނީ ފެންނަމުން ކަމަށެވެ.
ރަޝިޔާއިން މި ހަފުތާގެ ކުރީކޮޅުވަނީ އެގައުމުން ބޯލްޓިކް ކަނޑުގެ އަޑިން ޖަރުމަނަށް އަޅާފައި އޮންނަ ގޭސް ދެ ހޮޅީގެ ތެރެއިން އެއްހޮޅި ކަމަށްވާ ނޯޑް ސްޓްރީމް އެކެއް ވަކި ތާރީޚެއްނެތް ގޮތަށް ބަންދުކޮށްފައެވެ. ރަޝިއާއިން މިހޮޅި ބަންދުކުރީ މަރާމާތަށް ކަމަށް ބުނެފައެވެ.
ނަމަވެސް މިހޮޅި ބަންދުކުރީ ޔޫރަޕްގެ ބޮޑެތި ބާރުތަކާއި އެމެރިކާ ހިމެނޭ ޖީ 7 ގްރޫޕްގެ މާލީ ވަޒީރުން މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމުގައި ރަޝިއާގެ ތެލާއި ގޭހުގެ އަގަށް ސީލިންގް އެއް ނުވަތަ ރަޝިޔާގެ ގޭހާއި ތެލަށް ބާޒާރުގެ އަގަށްވުރެ މާކުޑަ އަގެއް ދެއްކޭނެ ގޮތްތަކެއް ހަމަޖައްސަން މަސައްކަތް ކުރާ ކަމަށް ޖީ 7 ގެ މާލީ ވަޒީރުން ދެއްވި އިންޒާރާ ގުޅިގެންނެވެ.
ޖީ 7 ގެ މާލީ ވަޒީރުން މިގޮތަށް ވިދާޅުވުމާއެކު ރަޝިއާއިން ވަނީ ނޯޑް ސްޓްރީމް އެކެއް ބަންދުކޮށް ޖަރުމަނަށް ފޮނުވާ ގޭސް ފޮނުވުން ހުއްޓާލާފައެވެ. މިއީ ޖީ 7 ގެ މާލީ ވަޒީރުންގެ ނިންމުމަށް ރައްދު ދިނުމުގެ ގޮތުން ރަޝިއާ އެޅި ފިޔަވަޅެއްކަމަށްވަނީ ބެލެވިފައެވެ.
ނޯޑް ސްޓްރީމް އެކަކުން ޖަރުމަނަށް ފޮނުވާ ގޭސް ޔޫރަޕްގެ އެހެން ގައުމުތަކަށް ފޯރުކޮށްދެނީ ތަންކޮޅެއް ކުދި ގޭސްހޮޅިތަކެއް މެދުވެރިކޮށެވެ. ނޯޑް ސްޓްރީމް އެކެއް ބަންދުކުރުމުން ޖަރުމަނުގެ އިތުރުން ޔޫރަޕްގެ އެތައް ގައުމަކަށް ރަޝިއާގެ ގޭސް ލިބުން ހުއްޓުމަކަށް ވަނީ އައިސްފައެވެ. ނަމަވެސް ރަޝިއާއިން އިޓަލީއަށް އަޅާފައިވާ ގޭސް ދެ ހޮޅިއާއި ރަޝިއާއިން ތުރުކީއަށް އަޅާފައިވާ ގޭސްހޮޅިން އަދިވެސް ގޭސް ފޮނުވަމުން ގެންދެއެވެ.
ރަޝިއާ މިހާރު ގެންދަނީ ދޭތެރެއަކުން މަރާމާތަށް ކަމަށް ބުނެ ޔޫރަޕަށް އަޅާފައިވާ ބައެއް ގޭސްހޮޅިތައް ކުރު މުއްދަތުތަކަށް ބަންދުކޮށް ރަޝިއާއިން ޔޫރަޕަށް ފޯރުކޮށްދޭ ގޭހުގެ ޔަގީންކަން ކުޑަކުރަމުންނެވެ. މިއީ ޔޫރަޕުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ކުރިން ރަޝިއާ ކުރާ ކަމެއް ނޫނެވެ.
މިކަން ރަޝިއާ މިހާރު ކުރަނީ ގޭސްހޮޅިތައް މަރާމާތު ކުރުމުގެ މަސައްކަތަށް ޔޫރަޕްގެ ފިޔަވަޅުތަކާ ގުޅިގެން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ޔޫރަޕަށް ގޭސްފޮނުވުން ރަޝިއާއިން އެއްކޮށް ހުއްޓައެއް ނުލައެވެ. ނޯޑް ސްޓްރީމްގެ ޕަމްޕު ސްޓޭޝަންގެ ކޮމްޕްރެޝަރުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ އޮސްޓްރިއާގެ ކުންފުންޏަކުންނެވެ.
ޔޫރަޕުން ރަޝިއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެކުންފުނި ރަޝިއާއިން ފައިބައިފައިވާކަމަށާއި ނޯޑް ސްޓްރީމް އެކަކުން އިން ޖަރުމަނަށް ގޭސްފޮނުވަން ބޭނުންކުރާ ކޮމްޕްރެޝަރުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް މިހާރު އެކުންފުނިން ރަޝިއާއަށް ނުދޭކަމަށް ރަޝިއާއިން ބުނެއެވެ. ރަޝިއާ ބުނާގޮތުން އެގައުމުގެ ކުންފުނިތަކުން މައްސަލަ ހައްލުކުރުމަށް މުއްދަތެއް ނަގާނެއެވެ.
ޖަރުމަނަކީ ރަޝިއާގެ ގޭހަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ. ޖަރުމަނުގެ އިތުރުން ޔޫރަޕްގެ 19 ވަރަކަށް ގައުމު ރަޝިއާގެ ގޭހަށް ބަރޯސާވެއެވެ. ކުރިއަށް އޮތީ ފިނިމޫސުންކަމަށްވެފައި މިއީ ފިނި މޫސުމަށް ޔޫރަޕްގެ ގައުމުތަކުން ގޭހުގެ ސްޓޮކް އިތުރުކުރާ ދުވަސްވަރު ކަމަށް ވާތީ މި ދުވަސްވަރު ރަޝިއާއިން ގޭސް ފޮނުވައިދޭވަރު ދަށްކޮށްލުމުން ޔޫރަޕްގެ ގައުމުތައް ވަނީ ހާސްވެ ކަންބޮޑުވެފައެވެ.
ތަޖުރިބާކާރުން ދެކޭގޮތުގައި ރަޝިއާގެ ބަދަލުގައި ގޭހުގެ އެހެން މާކެޓްތަކެއް ކައިރި މުސްތަގްބަލެއްގައި ހޯދުމަކީ ޔޫރަޕަށް ކުރެވޭނެ ކަމެއް ނޫނެވެ. ގޭހުގެ މައްސަލަ ހައްލުކުރުމަށްޓަކައި ޔޫރަޕް ގެންދަނީ އެހެން ގޮތްގޮތުން ހަކަތަ އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. މީގެތެރޭގައި ކޯލް ނުވަތަ ބޯޓު ދެލިން ހަކަތަ އުފެއްދުމާއި ނިއުކްލިޔާ ރިއެކްޓަރުތަކުން އުފައްދާ ހަކަތަ އިތުރުކުރުން ހިމެނެއެވެ.
ނަމަވެސް ކައިރި މުސްތަގްބަލެއްގައި މިގޮތަށްވެސް ޔޫރަޕަށް ބޭނުންވާ ވަރަށް ހަކަތަ ނުއުފެއްދޭނެ ކަމަށާއި ރަޝިއާގެ ބަދަލުގައި އެހެން ވަސީލަތްތައް ޔޫރަޕުން ހޯދުމަށް މަދުވެގެން ފަސް އަހަރު ނަގާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ޔޫރަޕްގެ އެތައް ގައުމެއްގައި ގޭހާއި ތެލާ އަދި ކަރަންޓްގެ އަގު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި ޖަރުމަނާއި ރަޝިއާގެ ގޭހަށް ބަރޯސާވާ ޔޫރަޕްގެ އެތައް ގައުމެއްގައި އެތައް ކާރުޚާނާތަކެއް ވަނީ ރަޝިއާގެ ގޭސް ނުލިބިގެން ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން ޔޫރަޕްގެ ބައެއް ގައުމުތަކުގައި ވަނީ އާންމުން މަގުތަކަށް ނުކުމެ އިހްތިޖާޖު ކުރަންފަށާފައެވެ.