ދައުލަތުގެ ވަކީލުންނަށް ގާޒީގެ އިންޒާރެއް: މީ ހީ ސަކަރާތް ޖަހާ މަޖިލީހެއް ނޫން

ދައުލަތުން ކުރި ސުވާލަކަށް ދިފާއުން އިއުތިރާޒު ކުރުމުން ދައުލަތުގެ ވަކީލުން ހޭ މަންޒަރު ފެނިގެންދޭ --

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ މަޖިލީހުގައި ވަކީލުން ހީ ސަކަރާތް ނުޖެހުމަށް އަންގަވައި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ދައުލަތުގެ ވަކީލުންނަށް އިންޒާރެއް ދެއްވައިފިއެވެ.

ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މިއަދުގެ އަޑުއެހުމުގައި އޮތީ މާލޭގެ މިހާރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހެކިބަސް ނެގުމެވެ.

އެ ޝަރީއަތުގައި ދިފާއުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަރީޝް ވިދާޅުވީ ރައީސް ޔާމީނަކީ އޭނާއާ ވަރަށް ގާތް ބޭފުޅެއް ކަމަށެވެ. އަދި 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ރައީސް ޔާމީން ނަރީޝްއަށް ގުޅުއްވައި، އެމަނިކުފާނުގެ ގެކޮޅު ގ. ދޫވެއްސަށް ވަޑައިގަތުމަށް ދެންނެވި ކަމަށް ވިދާޅުވިއެވެ.

ނަރީޝް ދޫވެއްސަށް ވަޑައިގަތުމުން، ރައީސް ޔާމީން މެންބަރު ޔޫސުފް ނައީމްގެ ފަރާތުން ޑޮލަރު ބައްލަވައިގަތް ކަމަށާއި އެ ޑޮލަރަށް ވާ ދިވެހި ފައިސާ އޭނާއާ ހަވާލުކުރަން ޖެހޭ ކަމަށް ވިދާޅުވި ކަމަށް ނަރީޝް ހެކިބަސް ދެއްވިއެވެ. އެ ފައިސާ އަޅާފައި ހުރީ ދެ ދަބަހަކަށް ކަމަށާއި އޭނާއާއި ރައީސް ޔާމީންގެ ކުރީގެ ޑްރައިވަރެއް ކަމަށްވާ އަބްދުﷲ ރަޝީދު އެ ފައިސާ ގުނުމަށް ފަހު ޔޫސުފް ނައީމްގެ ގެޔަށް ގެންދިޔަ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް އިތުރަށް ވިދާޅުވީ އެއީ 15،420،000 ރުފިޔާ ކަމަށާއި އެ ފައިސާގެ ސީދާ އަދަދު ކަށަވަރު ވަނީ، ޑޮލަރު ބައްލަވައިގަތް ކަމުގެ ލިޔުމެއްގައި ރައީސް ޔާމީނާއި ޔޫސުފް ނައީމް ވެސް ސޮއި ކުރައްވާފައި ވާތީ ކަމަށެވެ.

އެއަށް ފަހު ދައުލަތުން ނަރީޝްއާ ކުރި ގިނަ ސުވާލުތަކަށް ދިފާއުން ވަނީ އިއުތިރާޒުކޮށްފައެވެ. އެގޮތުން ދައުލަތުން ކުރި ސުވާލުތަކުގެ ތެރޭގައި ޔޫސުފް ނައީމްއާ ފައިސާ ހަވާލުކުރައްވަން ނަރީޝް ވަޑައިގެންނެވި ކާރުގެ ތަފްސީލާއި ޑޮލަރު ވިއްކުމުގެ ހުއްދަ ރައީސް ޔާމީނަށް އޮންނަ ކަމާމެދު ސުވާލު އުފެއްދުން ހިމެނެއެވެ.

އެ ސުވާލުތަކާ ގުޅިގެން ދިފާއުން ވަނީ އެއީ ހެކިވެރިޔާއަށް ފުރައްސާރަ ކުރުން ކަމަށް ތުހުމަތުކޮށްފައެވެ. އަދި ދައުލަތުން ސުވާލުކުރާއިރު ހެކިވެރިޔާ ހެކި ހުށަހެޅުއްވި ދާއިރާއިން ސުވާލު ކުރުމަށް ގާޒީވެސް ނަސޭހަތްތެރިވިއެވެ.

އެއަށް ފަހު ދައުލަތުން ތަކުރާރުކޮށް ސުވާލުކުރީ 15 މިލިއަން ޑޮލަރު ގުނަން ނެގި ވަގުތާ ބެހޭ ގޮތުންނެވެ. އެ ވަގުތު ހަނދާނެއް ނެތް ކަމަށް ނަރީޝް ވިދާޅުވުމުން ދައުލަތުން ދެން އެހީ އެއް މިލިއަން ޑޮލަރަށް ވާ ވަރަށް ފައިސާ އިތުރު އެހެން ދުވަހެއްގައި ގުނާފައި ވާނެތޯއެވެ.

އެކަމަށް ދިފާއުން އިއުތިރާޒުކޮށް، އެއީ ދައުލަތުން ވަކި ޖަވާބެއް ހޯދަން ލީޑިން ސުވާލެއް ކުރުން ކަމަށް ބުންޏެވެ. ދިފާއުން އިއުތިރާޒު ކުރެއްވި ގަޑީގައި ދައުލަތުގެ ދެ ވަކީލުން ހޭ މަންޒަރު ފެނެއެވެ. އެކަމާ ނުރުހުން ފާޅު ކުރައްވައި އެގޮތަށް އަމަލު ނުކުރުމަށް ގާޒީ އެންގެވިއެވެ.

"އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކޮއްޓާ ހީ ސަކަރާތް ޖަހާ މަޖިލީހެއް ނޫންމީ. އެފަދަ ކަންތައް ކުރައްވާ ކަމުގައި ވާ ނަމަ ޝަރީއަތުން ޖެހޭނެ އެ ވަކީލަކާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅު، އެ ވަކީލަކަށް ޝަރީއަތުން އެ ވަގުތަކަަށް ކުރަން ޖެހޭ ގޮތަަކަށް ޝަރީއަތުން އަމަލު ކުރަން ޖެހޭނެ. އެހެންވީމަ އެގޮތަށް ކަންތައް ނުކުރައްވާ،" ގާޒީ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ ވަކީލަކީ ވެސް ވަކީލުން ކުރަން ޖެހޭ ހުވާ ކުރައްވައިގެން ތިއްބެވި ބޭފުޅުން ކަން ހަނދާން ކޮށްދެއްވައި، އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް ގާޒީ އެންގެވިއެވެ.

"ޝަރީއަތަށް ޖެއްސުން ކުރުމާއި އުނދަގޫ ކުރުން އެއީ ވަކީލުންގެ ފަރާތުން ފެންނަން ޖެހޭނެ އެއްވެސް ސިފަ އެއް ނޫން، އެގޮތަކަށް ޝަރީއަތަކަށް ފުރުސަތެއް ވެސް ނޭރުވޭނެ،" ގާޒީ ވިދާޅުވިއެވެ.

ގާޒީ އެފަދައިން ވިދާޅުވުމުން ދައުލަތުން ވަނީ ކްރޮސް އެގްޒަމިނޭޝަންގައި ލީޑިން ސުވާލުތައް ކުރެވޭނެ ކަމަށް ދިފާއުން ވެސް މީގެ ކުރިން ބުނެފައިވާކަން ފާހަގަކޮށް، އެ މޭރުމުން ސުވާލު ކުރެވޭނެ ކަމަށް ދައުލަތުން ދެކޭ ކަމަށް ބުނެފައެވެ.

comment ކޮމެންޓް