ރައީސް ޔާމީން އަދީބަށް ނުފޫޒު ފޯރުވާ އޯޑިއޯ އިއްވުމުގެ ފުރުސަތު ގާޒީ ނުދެއްވި

ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަދީބު ޖަލްސާއެއްގައި: އަދީބް ވަނީ ޔާމީންއާ ދެކޮޅަށް ހެކިބަސް ދީފައި ------ ސަން ފައިލް ފޮޓޯ

ވެރިކަމުގައި ހުންނަވައި ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސްއަކަށް އައްޔަނު ކުރެއްވި އަހްމަދު އަދީބު އަބްދުލްޣަފޫރަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ އޯޑިއޯތައް ޝަރީއަތުގެ މަޖިލީހުގައި އިއްވުމުގެ ހުއްދަ ނުދިނުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ނިންމަވައިފިއެވެ.

ރައީސް ޔާމީންއާ އަދީބާ ދެމެދު ކޮށްފައިވާ ފޯނު ކޯލުތައް ހިމެނޭ އެ އޯޑިއޯތައް ޝަރީއަތުގެ މަޖިލީހުގައި އިއްވުމަށް ދައުލަތުން އެދުނީ ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރިއަށް ގެންދާ އަޑުއެހުމުގައެވެ.

އެ މައްސަލައިގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި މިއަދު ކްރިމިނަލް ކޯޓަށް ވަނީ އަދީބު ހާޒިރުކޮށްފައެވެ.

ޝަރީއަތުގެ މަޖިލީހުގައި އޯޑިއޯ އިއްވުމަށް ދައުލަތުގެ ވަކީލު ހުށަހެޅުއްވުމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ އެކަމަށް އިއުތިރާޒު ކުރައްވައިފައެވެ. ވަކީލުން ވިދާޅުވީ މި މައްސަލައަކީ 2015 ވަނަ އަހަރު އުފަންވި މައްސަލައެއް ކަމަށާއި އޭގެ މާކުރީގެ އޯޑިއޯތަކެއް މިހާރު އިއްވުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އެ އޯޑިއޯތަކުގައި އާރަށާ ގުޅޭ އެއްވެސް ވާހަކައެއް ހުރެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.

"ހާދިސާ ހިނގުމުގެ ކުރީގެ އޯޑިއޯތަކެއް ޝަރީއަތަށް ހުށަހަޅުއްވައިގެން އެކަންތައްތަކަކީ ޝަރީއަތުން ގަބޫލުކުރާ ގޮތުގައި މި މައްސަލައާ ގުޅުންހުރި ކަމެއް ކަމަށް ފާހަގައެއް ނުކުރެވޭ. އެހެންވީމަ ޝަރީއަތުން 2015 ވަނަ އަހަރުގެ ކުރީގެ އޯޑިއޯތަކެއް ޝަރީއަތުގައި ހިއްސާކުރާކަށް ނެތިން," މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވިއެވެ.

ނަމަވެސް ޝަރީއަތަށް ހުށަހަޅާ ހެކީގެ ގޮތުގައި އޯޑީއޯތައް ހުށަހެޅުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވައި ގާޒީ ވިދާޅުވީ އެކަމަށް ޝަރީއަތުން ހުރަސް ނާޅާ ކަމަށެވެ.

ޝަރީއަތުން މައްސަލަ ބައްލަވާ ގާޒީ ވަކި ގޮތެއް ނިންމެވުމާއެކު ވެސް ދައުލަތުގެ ވަކީލުން ވަނީ އެކަމަށް ޗެލެންޖު ކުރައްވައި އޯޑިއޯތައް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އެތައް ގޮތަކުން އެދިވަޑައިގެންފައެވެ. އަދި އޯޑިއޯގެ ސައްހަކަމާ މެދު ހެކިވެރިޔާއާ ސުވާލު ކުރެއްވުމުގެ ގޮތުން ޝަރީއަތުގެ މަޖިލީހުގައި އެ އޯޑިއޯތައް އިއްވައިދިނުމަށް ވެސް އެދުނެވެ.

"ޓުއަރިޒަމް މިނިސްޓްރީ މެދުވެރިކޮށް ހިންގި މުއާމަލާތެއްގެ ތެރޭގައި ނުފޫޒު ފޯރުވައިގެން ރިޝްވަތު ނަގާފައިވާ މައްސަލައެއް. މި މުއާމަލާތާ ގުޅިގެން ވެސް ނުފޫޒު ފޯރުވާފައިވާކަން ސާބިތުކުރުމަށްޓަކައި މިހެކިވެރިޔާ ވެސް ޝަރީއަތަށް ހުށަހަޅާފައި މިވަނީ. އަދި އެކަން އިތުރަށް ކޮލާބަރޭޓްކޮށްދޭން މި އޯޑިއޯތައް ހުށަހަޅާފައި މިވަނީ," ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ގާޒީގެ ނިންމެވުން ބަދަލުކޮށް އޯޑިއޯ ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެދި ދައުލަތުގެ ދެ ވަކީލުން އެކި ވާހަކަތައް ދެއްކެވި ނަމަވެސް ގާޒީ އެ ނިންމެވުން ބަދަލު ނުކުރެއްވިއެވެ.

comment ކޮމެންޓް