ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބާވެ އެއީ ރައްކާތެރި އިމާރާތެއް ނޫންކަމަށް ކޮންސަލްޓަންޓުން ލަފާދިނުމުން ވަގުތީގޮތުން އެ ކޯޓު ހިންގުމަށް އިމާރާތެއް ހޯދުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ކުރި މަސައްކަތް ކާމިޔާބުނުވި ކަމަށް އެ ޑިޕާޓްމަންޓުން ބުނެފިއެވެ.
ކްރިމިނަލް ކޯޓު މިހާރު ހިންގާ އިމާރާތަކީ ރައްކާތެރި އިމާރާތެއް ނޫން ކަމަށް ގެޑޯ ކޮންސަލްޓިން ޕްރެއިވެޓް ލިމިޓެޑުން ހުށަހެޅި ރިޕޯޓެއްގައި ލަފާދިނީ މިދިޔަ އަހަރުގެ ޖޫން މަހު 17ވަނަ ދުވަހުއެވެ.
އެ ލަފާގެ މަތިން ކްރިމިނަލް ކޯޓު ހިންގާނެ އިމާރާތެއް ހޯދުމުގެ މަސައްކަތް ކުރިކަމަށް ޑީޖޭއޭއިން މިއަދު ނެރުނު ބަޔާނެއްގައިވެއެވެ. އެ ބަޔާނުގައި ވަނީ ކޯޓު ހިންގުމަށް އިމާރާތެއް ހޯދުމަށް، މިދިޔަ އަހަރުގެ ޖުލައި މަހުގެ 11ވަނަ ދުވަހު ފިނޭންސް މިނިސްޓްރީއަށް ހުށަހެޅިކަމަށެވެ. އަދި އިމާރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ މިދިޔަ އަހަރުގެ އޮގަސްޓް އެއްވަނަ ދުވަހު އެ މިނިސްޓްރީން ދީފައިވާކަމަށް އެ ބަޔާނުގައިވެއެވެ.
އަދި ކްރިމިނަލް ކޯޓު ހިންގާ އިމާރާތަކީ ރައްކާތެރި އިމާރާތެއް ނޫން ކަމަށާއި ނަމަވެސް، އެ އިމާރާތް ބަދަލުކުރެވޭނެ ވަރުގެ ޖާގައެއް ނެތްކަމަށް ޕްލޭނިން މިނިސްޓްރީން ވެސް ބުނެފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.
ކްރިމިނަލް ކޯޓު ހިންގުމަށް އިމާރާތެއް ކުއްޔަށް ހޯދުމަށް ޓެންޑާކޮށްދިނުމަށް އެދި ޓެންޑާ ބޯޑަށް ވެސް ފޮނުވިކަމަށް ޑީޖޭއޭއިން ބުންޏެވެ.
"ނަމަވެސް މިފަދަ އިމާރާތެއް ޓެންޑާކޮށްގެން ލިބިފައި ނުވާކަމަށް، 02 މާޗް 2022 ގައި މި ޑިޕާޓްމަންޓަށް އަންގަވާފައިވެއެވެ،" އެ ބަޔާނުގައިވެއެވެ.
އެންމެ ފަހުން އެޗްޑީސީއާއެކު ކުރި މަޝްވަރާތަކަށް ފަހު ކްރިމިނަލް ކޯޓު ހިންގުމަށް ވަގުތީ އިމާރާތެއް ބިނާކުރުމަށް ފަސް އަހަރުގެ މުއްދަތަށް އަކަފޫޓަކަށް ފަސް ރުފިޔާގެ ރޭޓުން 25.6275 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޭން އެ ކުންފުނިން އެއްބަސްވެފައިވާކަމަށް އެ ބަޔާނުގައިވެއެވެ.
އަދި އެބިމުގައި ހަދަން ހުއްދަ ދީފައިވާ 04 ބުރީގެ އިމާރާތް ހަދަންޖެހޭނީ، ޑީޖޭއޭގެ ބަޖެޓުން ކަމަށް އެޗްޑީސީން އަންގާފައިވާކަމަށް ޑީޖޭއޭގެ ބަޔާނުގައިވެއެވެ. ނަމަވެސް ޑީޖޭއޭއަށް ބަޖެޓުގެ ދަތިކަން ކުރިމަތިވެފައިވުމުން އެކަން ކުރެވެން ނެތް ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.
ހަތަރު ބުރީގެ ކްރިމިނަލް ކޯޓު ހުންނަ އިމާރާތް ބާވެ އެތަނުގެ ފާރުތަކުގައި ރެނދުލައި ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކަށް ވެސް ވާރޭ ވެހޭ ކަމުގެ ޝަކުވާ ވަނީ މީގެ ކުރިން އަޑުއިވިފައެވެ. އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ބައެއް އަޑުއެހުންތައް ވެސް ވަނީ ކެންސަލްކޮށްފައެވެ.
މިއަދު ބާއްވަން ތާވަލްކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ވެސް ކެންސަލްކުރީ ކޯޓު ރޫމްތެރެއަށް ވާރޭ ވެހޭތީއެވެ.
ކްރިމިނަލް ކޯޓު އެންމެ ފުރަތަމަ ހިންގީ ޖަސްޓިސް ބިލްޑިންގައެވެ. އެތަނުގައި ޖާގައިގެ ދަތިކަން އިންތިހާއަށް ހުރުމުން މިހާރު އެ ކޯޓު ހިންގާ ތީމުގެއާ ޖެހިގެން ހުންނަ އިމާރާތަށް ބަދަލުވީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.