ސަހަރާގައި ޕާކިން ހެދުމާ އާންމުން ދެކޮޅު, ދީނީ ގޮތުން މައްސަލައެއް ނެތް

މާފަންނު ސަހަރާ: އެތަނުގެ ބައެއްގައި މީގެ ކުރިން ވެސް ވަނީ ޕާކިން އޭރިއާއެއް ހަދާފައި ---- ސަން ފޮޓޯ: މުހައްމަދު ނާއިލް

"އުދަލިން ވިޔަސް، ކޯރާޑިން ވިޔަސް، ފަކީރާއިން ވިޔަސް މަގޭ އާއިލާގެ މިނި ކަށި ނަގަން މަ ގަބޫލެއް ނޫން," މާފަންނު ސަހަރާގައި ވަޅުލާފައި އޮތް މީހެއްގެ ދުރުތާ ތިމާގެ މީހެއް ނަމަވެސް އެ މީހެއްގެ ވިސްނުން ހުރީ މިހެންނެވެ.

މައްޔިތުންގެ ކަށިތައް ސަހަރާއިން ނަގައި ދިރިތިބީންގެ ހާޖަތްތައް ފުއްދުމަށް ހުދު އެ މީހުންގެ ތެރެއިން ވެސް ގިނަ ބަޔަކު ބޭނުމެއް ނުވެއެވެ.

ނަމަވެސް ސަރުކާރުން ވަނީ މަޖީދީ މަގުގައި ވެހިކަލް ޕާކް ނުކުރެވޭ ގޮތަށް ހެދުމަށްފަހު އެ ސަރަހައްދުގެ މީހުންނަށް ފަސޭހަކުރުމަށް ޓަކައި މާފަންނު ސަހަރާގެ ބައެއް ހުސްކޮށް، އެ ތަނުގައި ޕާކިން އޭރިއާއެއް ހެދުމަށް ނިންމާފައެވެ. އެއާއެކު ރައްޔިތުން ދިޔައީ ކެކިގެންނެވެ.

މާފަންނު ސަހަރާ: އެތަނުގެ ބައެއްގައި ޕާކިން އޭރިއާއެއް ހެދުމަށް ވަނީ ނިންމާފައި ---- ސަން ފޮޓޯ: މުހައްމަދު ނާއިލް

"ޔާރައްބީ މިއީ ކޮންފަދަ ބިރުވެރި ކަމެއް. ކައްވަޅުގައި ވެސް ބަޔަކު އޮތަ ނުދޭތި," ރައްޔިތުން ފާޅުކުރާ ޝުއޫރުތަކުގައި ލިޔެފައި ހުރެއެވެ.

ސަހަރާގައި ޕާކިން ހެދުމާ ދެކޮޅު މީހުންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ތިބީ ދެ ވިސްނުމެއްގެ ބަޔެކެވެ. އެއް ބަޔަކު ދެކޭ ގޮތުގައި މައްޔިތުންނަށް އެހެން ހަދަން ހެޔޮވެސް ނުވާނެއެވެ. އަނެއް ބަޔަކު ގޮވާލަމުން ދަނީ މާލޭގެ ފަސް ސަރަހައްދެއްގައި އޮތް ހަމައެކަނި ހުސް ބިންކޮޅު އެ އޮތް ގޮތަށް ބާއްވައިދިނުމަށެވެ.

ސަހަރާ ހުސްކުރަން ޖެހޭ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމާ މެދު މަޖިލިސް މެންބަރު އަލީ ހުސައިން ސުވާލު އުފެއްދެވިއިރު ބައެއް މީހުން ވަނީ އެތަނާ މާ ދުރު ނޫން ހިސާބެއްގައި، މަޖީދީ މަގުގެ އަނެއް ފަޅީގައި އޮތް 'ބޮނޑިބަތް ޕާކް'ގައި ޕާކިން އޭރިއާ ނުހަދައި ހުސްކޮށް ބާއްވާ ސަބަބެއް އޮޅުން ފިލުވައިދިނުމަށް ވެސް އެދިފައެވެ.

ތާރީހް ދިރާސާކުރައްވާ މުހައްމަދު ނާޖިހު 'ސަން'އަށް ވިދާޅުވީ މާފަންނު ސަހަރާއިން މިހާރު ފެންނަނީ 1980 ހިސާބުގައި މީހުން ވަޅުލާފައިވާ މަހާނަތަކެއް ކަމަށެވެ.

"އެތަނުގެ އަޑީގައި ދެ ލޭޔަރަކަށް ގަބުރު ހުންނާނެ. ފަސް އަޅާފައި މިހާރު ފެންނަން އެހެރީ 1980 ހިސާބުން ވަޅުލާފައި ހުރި މީހުންގެ މަހާނަތައް," ނާޖިހު ވިދާޅުވިއެވެ.

އެހެންކަމުން މާފަނުން ސަހަރާ ހުސްކުރުމަކުން ތާރީހީ ގޮތުން އެއްޗެހިތަކެއް ގެއްލިދާނެ ކަމަކަށް ނުބެލެވެއެވެ. ދެން އޮތީ 'ނޭވާލާން' އޮތް ހުސް ބިންކޮޅުގައި ހުރި ގަސްތައް ކަނޑައި ކޮންކުރިޓަށް ހަދާތީ އަންނަ ޝަކުވާއެވެ.

"މިތަން މި މުހިންމި ވަނީ މިހާރު މާލޭގައި ހުސްބިންކޮޅެއް ވަރަށް ނުހުރޭ. މާލޭގައި މި އޮންނަ ހަތަރު ސަހަރާއަކީ މާލޭގައި ފެހިކޮށް ހުސްކޮށް ފެންނަން އޮންނަ ތަންތަން," މާފަންނު ސަހަރާ ކައިރިން ދިމާވި އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.

ދީނީ ގޮތުން މައްސަލައެއް ނެތް

ސަހަރާތައް ހުސްކޮށް ދިރިތިބީން އެތަންތަން ބޭނުން ކުރުން އިސްލާމް ދީން މަނާ ނުކުރާ ކަމަށް ދަންނަ ބޭކަލުން އިއްތިފާގުވެއެވެ. ނަމަވެސް ގަބުރުތަކަށް އިހްތިރާމް ކުޑަވާނެ އެއްވެސް ކަމެއް ހިތުހުރިހާ ގޮތަކަށް ކުރުން ހުއްދައެއް ނޫނެވެ.

"މަޖުބޫރީ ހާލަތެއް އަތުވެއްޖެ ނަމަ އެތަން ކޮނެ އެތަނުގައި ހުރި ކަށިތައް ހުރުމަތްތެރިކަމާއެކު ނަގައިގެން ގެންގޮސް އެހެންތަނެއްގައި ވަޅުލާފައި ދެން އެތަން ބޭނުން ކުރެވިދާނެ," ދީނީ އިލްމުވެރިޔާ އައްޝައިހް އަބްދުލް އަޒީޒް ހުސައިން (އަޒީބެ) ވިދާޅުވިއެވެ.

މާފަންނު ސަހަރާ: އެތަނުގެ ބައެއްގައި ޕާކިން އޭރިއާއެއް ހެދުމަށް ވަނީ ނިންމާފައި ---- ފޮޓޯ: ނާޖިހު

އިސްލާމް ދީން ހުއްދަ ނުކުރަނީ ގަބުރުސްތާނުތައް މަތީގައި އިމާރާތް ނުކުރުންކަން ފާހަގަކޮށް އަޒީބެ ވިދާޅުވީ މަގުމަތީގައި ހުންނަ ގަބުރުތައް ނަގަން ވެސް ޖެހެނީ އިހްތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. އަދި ވިދާޅުވީ މީހަކަށް ދިރިހުންނައިރު އިހްތިރާމް ކުރާ ފަދައިން މަރުވީމަ ވެސް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

"ބޭރު ބައެއް ގައުމުތަކުގައި ހުންނާނެ ފަރުބަދަތަކުގެ ތެރޭގައި ގޮޅިތަކެއް ހަދާފައި އެކަކުގެ ހަށިގަނޑު ހަލާކުވެގެން ދިޔައީމަ އެހެންތަނަކަށް ލައި އެތަނަށް އަނެއްކާވެސް އެހެން ހަށިގަނޑެއްލާނެ. ފުރާނަތައް ހުންނާނީ ބަރުޒަހުގައި," ސަހަރާތައް ހުސްކުރުމުގައި މައްސަލައެއް ނެތްކަން ފާހަގަކޮށް ޝެއިހް އަހްމަދު ފަހްމީ ދީދީ ވިދާޅުވިއެވެ.

މާލޭގައި މީގެ ކުރިން ސަހަރާތައް ފުރުމުން އެތަން ކޮނެ، ކަށިތައް ނަގައި އެހެން ތަނަކަށް ބަދަލުކޮށް، ފަސްއެޅުމަށް ފަހު އަނެއްކާ އަލުން މީހުން ވަޅުލައިހަދައެވެ. އެއީ ޖާގައިގެ ދަތިކަމާ ހެދިއެވެ. އަދި މާފަންނު ސަހަރާގެ ބައެއްގައި މީގެ ކުރިން ވެސް ވަނީ ޕާކިން އޭރިއާއެއް ހަދާފައެވެ. ދެހާސް އަށާރަވަނަ އަހަރު އެކަން ކުރުމުން ވެސް ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވިއެވެ.

comment ކޮމެންޓް