ގއ. އަށް ފުރި ސައުތުލައިން ބޯޓު ފެންމަތީގައި އޮތީ ހަމަ ކިރިޔާ, މާލެ ފަަޅަށް ވައްދައިފި

ގއ. މިއަދު ފުރި ސައުތުލައިން ބޯޓު: ގަވާއިދާ ހިލާފަށް މުދާ ބަރުކޮށްފައި އޮތުމުން އަނބުރާ މާލެފަޅަށް ވަނީ ވައްދާފައި ---- ފޮޓޯ: ފުލުހުން

ގަވާއިދާ ހިލާފަށް މުދާ ބަރުކޮށްގެން މާލެއިން ފުރައިގެން ގއ. އަތޮޅަށް ދަތުރުފެށި ސައުތު ލައިން ބޯޓު ހުއްޓުވައި މާލެ ފަޅަށް ވައްދައިފިއެވެ.

ފުލުހުން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުން ސައުތު ލައިން ބޯޓު ދަތުރުކުރަމުންދިޔައިރު ފެންމަތީގައި އޮތީ ހަމަ ކިރިޔާއެވެ. އެއް ފޮޓޯއިން ބަރުމަރުކާ ފެނުނު ނަމަވެސް ބޯޓު އޮތީ ކަނޑުގެ ލޮނުގަނޑަށް ވުރެ ކުޑަ ތަންކޮޅެއް މަތީގައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ގަވާއިދާ ހިލާފަށް މުދާބަރުކޮށްގެންދާތީ ސައުތު ލައިން ބޯޓު ހުއްޓުވައި މާލޭ ފަޅަށް ވައްދާފައިވާ ކަމަށެވެ. އަދި ގަވާއިދާ އެއްގޮތަށް މުދާ ބަރުކޮށްގެން ނޫނީ ދަތުރު ނުކުރުމަށް އަންގާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ގއ. މިއަދު ފުރި ސައުތުލައިން ބޯޓު: ގަވާއިދާ ހިލާފަށް މުދާ ބަރުކޮށްފައި އޮތުމުން އަނބުރާ މާލެފަޅަށް ވަނީ ވައްދާފައި ---- ފޮޓޯ: ފުލުހުން

"މިދުވަސް ވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށާއި ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިފުރުސަތުގައި ނަސޭހަތްތެރިވަން," ފުލުހުން ބުންޏެވެ.

ގއ. ނިލަންދޫ, ދާންދޫ, ކަނޑުހުޅުދޫ އަދި ގެމަނަފުއްޓަށް މުދާ ބަރުކޮށްގެން މާލެ ފަޅުން ނިކުތް ސައުތު ލައިން ބޯޓު ހުއްޓުވާފައިވާއިިރު, މިއަދު މެންދުރު ދޭއް ޖެހުމާއި ހަމައަށް މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ވަނީ ހުދު ސަމާލު ނެރެފައެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރާއިރު ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ވަނީ މާލެއިން ނ. ލަންދޫއަށް ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއް، ކ. ގާފަރު ފަރަށް އަރައި ވަނީ އަޑިޔަށް ގޮހެވެ. އެ ބޯޓް އިއްޔެ ފުން ކުރިއިރު ބޯޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

comment ކޮމެންޓް