އެވަޓަނުން ލިވަޕޫލް ހިފަހައްޓައިފި

އެވަޓަންގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާއެއް ޕިކްފޯޑް ދިފާއުކުރަނީ --- ފޮޓޯ/ ޕްރިމިއާލީގް

އެވަޓަންގެ ގޯލްކީޕަރު ޖޯޑަލް ލީ ޕިކްފޯޑްގެ މޮޅު ކުޅުމާއެކު އެވަޓަނުން ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ އެވަޓަން އާއި ލިވަޕޫލް ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. އެވަޓަންގެ އަމިއްލަ ދަނޑު، ގޫޑިސަން ޕާކްގައި ކުޅުނު މިމެޗުގެ ތަރިއަކަށްވީ އެވަޓަންގެ ގޯލްކީޕަރު ޕިކްފޯޑެވެ. ޕިކްފޯޑް ވަނީ މެޗުގައި ލިވަޕޫލްގެ ކުޅުންތެރިން ގޯލަށް އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނީ 31 ވަނަ މިނެޓް ތެރޭގައި އެވަޓަންގެ މިޑްފީލްޑަރު ތޯމަސް ޑޭވީސްއަށެވެ. ޕެނަލްޓީ އޭރިއާ ބޭރުން ގޯލް އޭރިއާ ތެރެއަށް ފޮނުވާލި ބޯޅަ، ލިވަޕޫލްގެ ޖޯސެފް ގޯމޭޒްއަށް ރަނގަޅަށް ސާފް ނުކޮށްލެވި އުޅެނިކޮށް ،އެވަޓަންގެ ޑޭވީސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ.

ފުރަތަމަ ހާފުގެ 42 ވަނަ މިނެޓް ތެރޭގައި ލިވަޕޫލްގެ ގެބްރިއަލް ނޫނޭޒަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ޕެނަލްޓީއޭރިއާ ތެރެއިން މިފަހަރު ފޮނުވާލި ހަމަލާ އެވަޓަންގެ ކީޕަރު ޕިކްފޯޑް ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ އެވަޓަން އާ ލިވަޕޫލް ބައްދަލުކުރިމެޗްގެ ތެރެއިން --- ފޮޓޯ/ ޕްރިމިއާ ލީގް

މެޗުގެ ދެވަނަ ހާފް ފަށައިގެން ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، ލިވަޕޫލްގެ ރޮބޭޓޯ ފިރްމީނޯއަށެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ގޯލަށް އަމާޒުކޮށް ފޮނުވާލި މި ބޯޅަ އެވަޓަންގެ ކީޕަރު ޕިކްފޯޑް ވަނީ މިފަހަރުވެސް ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މެޗުގައި ލިވަޕޫލްގެ މުހައްމަދު ސަލާހަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފައެވެ.

މެޗުގެ 68 ވަނަ މިނެޓްތެރޭގައި އެވަޓަންގެ ޑޭވިޑް ކޯޑީ ލަނޑެއް ޖެހިނަމަވެސް ރެފްރީ ޓޭލާ ނިންމެވީ އޮފްސައިޑު ލަނޑެއްގެ ގޮތުގައެވެ.

ލިވަޕޫލްގެ ގެބްރިއަލް ނޫނޭޒް، އެވަޓަންގެ ގޯލަށް އަމާޒުކޮށް ބޮލުން ހަމަލާއެއް ފޮނުވާލަނީ --- ފޮޓޯ/ ޕްރިމިއާ ލީގް

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، ޗެލްސީ އާއި ވެސްޓްހަމް ޔުނައިޓެޑް ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީއެވެ. އެސްޓަން ވިލާ އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ނިއުކާސަލް ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ވޮލްވާހަމްޓަން އާ ސަދަމްޓަން ބައްދަލުކުރި މެޗު ވޮލްވާހަމްޓަން ކާމިޔާބުކުރިއިރު، ނޮޓިންހަމް ފޮރެސްޓާ އެފްސީ ބޯންމައުތު ބައްދަލުކުރިމެޗް 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބޯންމައުތެވެ.

comment ކޮމެންޓް