ތޮއްޑޫގައި ގްރޭޑް11އަށް ކިޔަވާ ދަރިވަރުންގެ ޚަރަދު އެ ރަށު ކައުންސިލުން ދެނީ

އއ. ތޮއްޑޫ ސުކޫލު --- ފޮޓޯ/ ތޮއްޑޫ ސުކޫލު

އއ. ތޮއްޑޫ ސްކޫލުގައި ގުރޭޑް 11އަށް މި އަހަރު ކިޔަވާ ދަރިވަރުންގެ ހުރިހާ ޚަރަދުތަކަކާއި، އިތުރު އެލަވަންސެއް ހަމަޖައްސައިދިނުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ތޮއްޑޫ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ވަނީ، ތޮއްޑޫ ސްކޫލުގައި މި އަހަރު ގުރޭޑް 11އަށް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ.

ގުރޭޑް 11އަށް ކިޔަވަން ރަށުން ބޭރުން ދަރިވަރުން އަންނާތީ، އެ ދަރިވަރުން ތިބުމުގެ އިންތިޒާމާއި، ކެއުމުގެ އިންތިޒާމު އެ ކައުންސިލުން ހަމަޖައްސައިދޭނެ ކަމަށާއި އެ އިނާޔަތް އެ ދަރިވަރުންގެ ކިޔެވުން ނިމެންދެން ދެމުން ގެންދާނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

ހަމައެއާއެކު، އެ ރަށުގެ ދަރިވަރުންނަށް ވެެސް އެލަވަންސެއް ދޭނެ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. ނަމަވެސް، އެލަވަންސްގެ ގޮތުގައި ދޭ އަދަދެއް އިއުލާނުގައި ބުނެފައެއް ނުވެއެވެ.

އެ އިއުލާނުގައި ގުރޭޑް 11ގައި ކިޔަވަން ޝައުގުވެރިވާ ދަރިވަރުން ކައުންސިލަށް ހުށަހެޅުމުން އެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ބުނެފައިވެއެވެ.

ތޮއްޑޫގައި އެންމެ ފުރަތަމަ ގްރޭޑް 11އަށް ކިޔަވައިދޭން ފެށީ މިދިޔަ އަހަރުއެވެ. އެއީ ވެސް އެ ރަށު ކައުންސިލުގެ ވަރަށް ބޮޑު ހިއްސާއެއް އެކަމުގައި އޮވެގެންނެވެ.

ތޮއްޑޫގެ އާބަދީ ގާތްގަނޑަކަށް 2،000އަށް އަރާއިރު، އެ ރަށު ސުކޫލުގައި 400އެއްހާ ކުދިން ކިޔަވައެވެ.

comment ކޮމެންޓް