މެކްސްކޮމްއިން 3000 ރުފިޔާގެ ޑިސްކައުންޓަކާއެކު ސެމްސަންގުގެ ގެލެކްސީ ޒީ ފޯލްޑް 4 ވިއްކަން ފަށައިފިއެވެ.
މިދިޔަ ހުކުރު ދުވަހު ސެމްސަންގުން ނެރުނު ގެލެކްސީ ޒީ ފޯލްޑް 4 މެކްސްކޮމްއިން އާންމުކޮށް ވިއްކަން ހަމަޖެހިފައިވާ އަގަކީ 34،999 ރުފިޔާއެވެ. ނަމަވެސް މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަނެއްގެ ދަށުން އެ ފޯން ވިއްކަން ހަމަޖެހިފައި ވަނީ 31،999 ރުފިޔާއަށެވެ.
އެ ޕްރޮމޯޝަންގެ ދަށުން މެކްސްމޮކްއިން ގެލެކްސީ ޒީ ފޯލްޑް 4 ފޯނެއް ގަންނަ ނަމަ ސްޕޮޓިފައި ޕްރިމިއަމް ތިން މަހަށް ހިލޭ ލިބޭނެއެވެ. އަދި މައިކްރޯސޮފްޓް ވަންޑްރައިވްގެ ކްލައުޑް ސްޓޯރޭޖުން 100ޖީބީ ހަ މަހަށް ހިލޭ ލިބޭނެއެވެ.
އެ ފޯން ލިބޭނީ ފަރީދީ މަގާއި ސޯސަން މަގުގައި ހުންނަ މެކްސްކޮމްގެ ފިހާރަތަކުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހުންނަ މެކްސްކޮމް އައުޓްލެޓުންނެވެ.
ސެމްސަންގުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެއް ކަމަށްވާ މެކްސްކޮމްއިން ދަނީ އެ ބްރޭންޑަށް ހާއްސަ ސާވިސް ސެންޓަރެއް ވެސް ހިންގަމުންނެވެ. އެ ސެންޓަރުން ސެމްސަންގުގެ ފޯނާއި ޓެބްލެޓް މަރާމާތުކުރުމުގެ ޚިދުމަތް ލިބެން ހުރެއެވެ.
ސެމްސަންގުން ދަނީ ދެ ގޮތަކަށް ފަތްޖަހާލެވޭ ސްމާޓްފޯންތަކެއް ވިއްކަމުންނެވެ. އެއީ ޒީ ފޯލްޑާއި ޒީ ފްލިޕް ފޯންތަކެވެ. އޭގެ ތެރެއިން ޒީ ފޯލްޑަކީ ފޮތެއް ގޮތަށް ލައްޕާލެވޭ ފޯންތަކެވެ. އަދި ފްލިޕްއަކީ 1990ގެ އަހަރުތަކުގައި މަޝްހޫރުވި ފްލިޕް ފޯނުތަކާ އެއްގޮތަށް ފަތްޖެހޭ ފޯންތަކެވެ.
ޒީ ފޯލްޑް 4 ލައްޕާފައި އޮންނަ އިރު 6.2 އިންޗީގެ ސްކްރީނެއް ފެންނަން ހުރެއެވެ. އަދި ފޯނު ހުޅުވާލުމުން 7.6 އިންޗީގެ ޑިސްޕްލޭއެއް ފެންނާނެއެވެ.
ޒީ ފޯލްޑްގައި ބޭނުންކޮށްފައި ވަނީ އެ ސީރީސްގެ ފޯންތަކުގައި މިހާތަނަށް ބޭނުންކޮށްފައިވާ އެންމެ ބާރުގަދަ ޕްރޮސެސާއެވެ. އެއާއެކު، ކުރީގެ ފޯންތަކާ އަޅާ ބަލާއިރު އާ ފޯނުގެ ޕްރޮސެސިން ޕަވާ އިތުރުވާނެއެވެ. އެ ފޯނުގެ ފަހަތުގައި ތިން ކެމެރާއެއް ހުރެއެވެ. އެއީ 12 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާއަކާއި 50 މެގަޕިކްސެލް ވައިޑް ކެމެރާއަކާއި 10 މެގަޕިކްސެލްގެ ޓެލެފޮޓޯ ކެމެރާއެކެވެ. އެ ފޯނުން ޒޫމް ކުރެވޭ މިންވަރާއި އަނދިރި ތަންތަނުގައި ނަގާ ފޮޓޯތައް، އެ ސީރީސްގެ ކުރީގެ ފޯނުތަކާ އަޅާ ބަލާއިރު މާ ފުރިހަމަ ވާނެ ކަމަށް ސެމްސަންގުން ބުނެއެވެ.
އެ ފޯނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާއަކީ އެއް ފަހަރާ ތިން އެޕެއް ހުޅުވައިގެން ބޭނުން ކުރެވުމާއި ޕީސީގައި ހުންނަ ގޮތަށް 'ޓާސްކްބާ'އެއް ހިމަނާފައިވުމެވެ. އަދި އެއީ 'ސުޕަ ފާސްޓް ޗާޖިން' ފޯނެއް ކަމުން، 30 މިނިޓު ތެރޭ 50 ޕަސެންޓަށް ޗާޖު ކުރެވޭނެއެވެ.