އަމިއްލައަށް ނިޔާ ކަނޑައެޅުމެއް ނޯވޭ: ޚުތުބާ

ޖުލައި 10، 2020 ވަނަ ދުވަހު ކުރި ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުށްކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމާއި އަދަބު ދިނުމަކީ ކަމާބެހޭ ފަރާތްތަކުގެ ޒިންމާއެއްކަމަށާއި އާއްމުން އެކަން ކުރުން ނޯންނާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ އިސްލާމީ ޝަރީއަތް ގާއިމްކުރުމަށް ކަމަށް ބުނެ އަމިއްލައަށް ނިޔާ ކަނޑައަޅާ، އަނިޔާ ކުރުންފަދަ ކަންކަން މުޖުތަމައުއިން ފެންނަކަމީ ހިތާމަހުރިކަމެއް ކަމުގައެވެ.

"އެކަން ތަންފީޒުކުރާނީ އެކަމަށް ކަނޑައަޅާފައިވާ މުއައްސަސާތަކުން،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، ދުނިޔޭގެ އެކި ކަންކޮޅުތަކިގައި ބައިބައިވުމާއި ހަނގުރާމަ އުފެދިފައިވާ ދަނޑިވަޅެއްގައި އެކަމުގެ އަސަރު ރާއްޖެފަދަ ޖަޒީރާ ގައުމަކަށް ފޯރުނަ ނުދިނުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. އެހެންކަމުން ބުއްދީގެ ބޭނުން ހިފާ އެފަދަ ނުރައްކާތެރި ގެއްލުންހުރި ކަންކަމުން ދުރުހެލި ވުމަށް ޚުތުބާގައި ގޮވާލިއެވެ.

އެއްބަޔަކު އަނެއްބައެއްގެ އަބުރާއި ޝަރަފު ނަގާލާ، ސިއްރުތައް ހާމަކުރުމަކީ އެކަމުގެ ސަބަބުން ބިމުގައި ފަސާދަ އާންމުވެދާނެ ކަންކަން ކަމަށް ޚުތުބާގައި ބުންޏެވެ.

"ގައުމެއްގަ އޮންނަ އެކުވެރި ކަމާއި އަޚުވަންތަކަމުގެ ފޭރާން ވީދިއްޖެނަމަ ދެން އަލުން ކުރީގެ ހާލަތަށް އެނބުރި ދިއުމަނީ އުނދަގޫ ކަމަކަށް ނޫނީ ނުވާނެއެވެ،" ޚުތުބާގައި ބުންޏެވެ.

ތިމާމެންގެ އަމިއްލަ މައްސަލަތައް ހައްލުކުރުމަށް ޚުތުބާގައި ގޮވާލިއެވެ. އެގޮތުން މައްސަލަތައް އަމިއްލައަށް ހައްލު ނުކުރުމުގެ ނަތީޖާއަކަށް ވާނީ އަޅުވެތިކަމާއި، އަރާރުންވުމާއި، ދެބަސްވުމާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާދިއުންކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުންޏެވެ.

އަމިއްލައަށް ހުކުމް ތަންފީޒު ނުކުރަން ޚުތުބާގައި ގޮވާލިއިރު އެކި ކުށްކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް ހަމަލާދޭ މައްސަލަތައް މި ފަހުން ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް