އަމީނީމަގު ޒަމަނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އަމީނީމަގު ޒަމަނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޕްލޭނިން މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ، މާލޭގެ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލޭ ސިޓީގެ ކުރީގެ މޭޔަރު މައިޒާން އަލިމަނިކެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މައިޒާން އަލިމަނިކާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކާއި އެ ކުންފުނީގެ ޗެއާމަން އަބްދުﷲ އަފީފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމެވެ.

އަމީނީމަގު ޒަމަނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މައިޒާން އަލިމަނިކު ވިދާޅުވީ އަމީނީމަގުގެ މިހާރުގެ ހާލަތު އޮތްގޮތުން މީހުންގެ ހަށިގަނޑަށާއި އުޅަނދުފަހަރަށް ގެއްލުންވާކަމަށެވެ. އަދި އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރާއިރު، މަގު ހެދުމުގައި އޭނާގެ ޚިޔާލު ހިއްސާކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި މާލޭގެ ކުރީގެ މޭޔަރު މައިޒާން އަލިމަނިކު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އޭނާ ވިދާޅުވީ އަމީނީމަގުގައި ފެން ބޮޑު ނުވާނޭގޮތަށް ފެން ހިންދާ ނިޒާމަކާއެކު މަގު ތަރައްގީ ކުރުމަކީ އެދޭކަމެއްކަމަށެވެ. އަދި ކުޑަ ކުދިންނާއި މުސްކުޅިންނަށް އެންމެ އެކަށޭނެ ގޮތަށް ހިނގާބިނގާވެ އުޅުމަށް ފަސޭހަ ވާނެފަދަ ދުވާރެއް ތަރައްގީކުރަންޖެހޭ ކަމަށް ކުރީގެ މޭޔަރު އެދިވަޑައިގަތެވެ.

"ހިނގާމީހުނަށް ފަސޭހަ ވާނޭހެން މަގުމަތީގަ ޕޭވްމަންޓް ހެދުމަކީ އަޅުގަނޑު ވަރަށް އެދޭކަމެއް. ޕޭވްމަންޓް އޮންނަ ގޮތުން އަޅައިގެންފަ ވެއްޓި ވަރަށް ގިނަ މީހުނަށް އަނިޔާވަމުން އެބަދޭ. ޚާއްސަކޮށް މުސްކުޅިންނަށް އެކަން ދިމާވާލެއް ވަރަށް ގިނަ،" އޭނާ ވިދާޅުވިއެވެ.

އަމީނީމަގު ތަރައްގީކުރާ އިރު ގަހުގެ މޫތައް މަގަށް ނުނިކުންނާނޭހެން މަގު ތަރައްގީކޮށްދިނުމަށް ވެސް މައިޒާން އަލިމަނިކު އެދިވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، އަމީނީމަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ ޕްލޭނިން މިނިސްޓްރީން ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށްގެންދާ މާލެ ސްޓްރީޓް ސްކޭޕިން މަޝްރޫއުގެ ބޭރުން ކަމަށެވެ. އެކަމުގައި މައުލޫމާތުގެ އޮޅުންތަކެއް އެރުމުން ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ބަހުސްތަކެއް ކުރިޔަސް ދިޔަޔަސް މިހާރު އެންމެން ވެސް އެކަތިގަނޑަކަށްވެ އެއް އަމާޒެއްގައި މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

އަމީނީމަގު ޒަމަނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"ނަމަވެސް މިއަދު އަޅުގަނޑުމެން މި ތިބީ މާލެ ސިޓީ ކައުންސިލާ އެއްކޮށް އެއް އަޒުމެއްގައި މާލޭގެ ތަރައްގީގެ މި މަޝްރޫއު ކާމިޔާބު ކުރުމަށް އަޒުމްކަނޑައަޅައިގެން،" އޭނާ ވިދާޅުވިއެވެ.

އަކްރަމް ކަމާލުއްދީން ވިދާޅުވީ އަމީނީމަގު ހެދުމުގެ ބޭނުން ބޮޑުވީ އެ މަގުގައި ގިނަ އޮފީސް ތަކަކާއި ސްކޫލުތަކެއް ހުރުމުން އެމަގު ބޭނުންކުރާ މީހުން ވެސް ގިނަވުމުން ކަމަށެވެ. އަދި އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ އެ ކުންފުނީގެ ގާބިލުކަމާއި މަސައްކަތުގެ ފެންވަރު ފެނުމުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަމީނީމަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ކުރާނެ ކަންކަން:

  • ދުވާރުގައި ލޯފަން މީހުނަށް ޚާއްސަ ބްރެއިލް ބްލޮކްސް ޖެހުން
  • ފުރޮޅުލީ ގޮނޑި ބޭނުން ކުރާ މީހުނަށް އެކްސެސް ވެވޭނެހެން ހެދުން
  • މަގުގެ ދެފަރާތުގައި މަގު ބައްތި ހަރުކުރުން
  • ބަންޕަރުތައް ހެދުން
  • ބަސް ހުއްޓިއާއި ސައިން ބޯޑުތައް ހަރުކުރުން
  • މަގު ފެހިކުރުމަށް ޓްރީ ޕޮޓް ބެހެއްޓުން
  • ކޭބަލްތައް އެޅުމަށް ކޭބަލް ޓްރޭ މަގުގެ ދެފަރާތުގައި އެޅުން
  • އެޗްވީ ކޭބަލަށް ޚާއްސަ ޖަންކްޝަން ހެދުން

އަމީނީމަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ މިދިޔަ މަހު ތިނެއްގައެވެ. އެގޮތުން ޕްލޭނިން މިނިސްޓްރީއާއި އާރުޑީސީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެއްގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަސައްކަތް ހަވާލުކުރީ 10 މަސް ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއު އާރުޑީސީއާ ހަވާލުކުރުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތުކޮށް އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅުއްވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް