ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލްގެ ކިޔެވުން އާދިއްތަ ދުވަހު ފަށަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް ---

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ފުރަތަމަ ސްކޫލްގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ދެވަނަ ފިޔަވަހީގައި އިމާރާތްކުރި "އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް" ގެ މަސައްކަތް އެޗްޑީސީން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކާމިލްދީދީ ސްކޫލްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައިވާ ކަމަށާއި އަންނަ އާދިއްތަ ދުވަހު އެ ސްކޫލްގެ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވަން ފަށާނެ ކަމަށެވެ.

ސަތޭކަ ފަސްދޮޅަސް ފަސް ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށް އެއްބަސްވި ނަމަވެސް, ބޭރުން ގެންނަ މުދާ ނުލިބުމުން ދިރާސީ އާ އަހަރު ފެށުނުއިރު ވެސް ސްކޫލް ވަނީ ހުޅުވޭ ގޮތް ނުވެފައެވެ.

އެހެން ކަމުން ގްރޭޑް ހަ އެކާ ހަމައަށް ކިޔަވަދޭ އެ ސްކޫލު ދަރިވަރުން ވަނީ ހުޅުމާލޭގެ އެހެނިހެން ސްކޫލްތަކުން ކިޔެވޭނެ އިންތިޒާމްތައް ހަމަޖައްސަދީފައެވެ. ހުރަވީ ސްކޫލާއި ރެހެންދި އަދި ގާޒީ ސްކޫލަށް އެ ދަރިވަރުން މިހާރު ވެސް ދަނީ އަލަށް ހެދި ކާމިލްދީދީ ސްކޫލް ޔުނީފޯމުގައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި އެ ސުކޫލު ފަރުމާ ކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަސޭހަ ކަމާއެކު އެކްސެސް ވެވޭނެ ގޮތަށް ކަމަށް އެސްޖޭ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

އެ ސްކޫލް އިމާރާތް ކޮށްފައިވަނީ 24 ކްލާސްރޫމް ހިމަނައިގެންނެވެ.

comment ކޮމެންޓް