ޕާކިސްތާންގައި 67 ދިވެހިން، ފެންބޮޑުވެގެން އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ

ޕާކިސްތާންގައި ހުންނަ ދިވެހި އެމްބަސީގައި ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ތެރެއިން: އެ ގައުމުގައި ތިބި ހުރިހާ ދިވެހީންގެ ހާލުވެސް ރަނގަޅު: ފޮޓޯ: ފޮރިން މިނިސްޓްރީ

ޕާކިސްތާނަށް ކުރި އާދަޔާ ޚިލާފު ގަދަ ވިއްސާރައިގެ ސަބަބުން ގައުމުގެ ބޮޑު ބައެއް ފެނު އަޑިއަށް ގޮސް އެތައް މިލިއަން މީހުން ހާލުގައި ޖެހިފައިވީ ނަމަވެސް އެ ގައުމުގައި ތިބި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށް، ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޕާކިސްތާނަށް ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އެގައުމުގެ ދެކުނުގެ ސިންދު ޕްރޮވިންސަށެވެ. ވިއްސާރަ އަދިވެސް ނިމުމަކަށް ނާދެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޕާކިސްތާނުގެ އިތުރު ސަރަހައްދުތަކަށް ވިއްސާރުކުރާނެކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ. ފެންބޮޑުވުމުގެ މި ހާދިސާގައި ހާހަކަށް ވުރެ ގިނަ މީހުން މަރުވެ, 33 މިލިއަނަށް ވުރެ ގިނަ މީހުންނަށް ގެއްލުންތައް ވަނީ ލިބިފައެވެ.

އެ ގައުމުގައި ތިބި ދިވެހީންގެ ހާލަތާ ގުޅޭގޮތުން "ސަން"އިން ސުވާލު ކުރުމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް ޞަފާތު އަޙްމަދު ޒާހިރު ވިދާޅުވީ އެގައުމުގައި މި ވަގުތު ތިބީ 67 ދިވެހީން ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

"ގިނަ ދިވެހީން ދިރިއުޅެނީ ލާހޯރް އާއި ކަރާޗީގައި. ހައި ކޮމިޝަނުން ވަނީ ހުރިހާ ދިވެހީންގެ ހާލު ވެސް ބަލާފައި. އެންމެން ވެސް އަންގަނީ އެ މީހުން ތިބީ ރައްކާތެރި ހާލަތުގައި ކަމަށް،" ޞަފާތު ވިދާޅުވިއެވެ.

ޕާކިސްތާންގައި ހުންނަ ދިވެހި އެމްބަސީއިން އެ ގައުމުގައި ދިރިއުޅޭ ދިވެހީންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް ވެސް ޞަފާތު ވިދާޅުވިއެވެ.

ސިންދު ޕްރޮވިންސުގެ ބައެއް ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ދަނީ ބިންގަނޑު ތިރި ރަށްތަކާއި އަވަށްތަކަށް ފެތުރެމުންނެވެ. ސިންދުގައި ބޮޑުވި ފެންގަނޑުގެ ބޮޑުބައެއް މަޑުމަޑުން ވަނީ ޚައިބަރް ޕަޚްތުންޚްވާ ޕްރޮވިންސަށް ފެތުރިފައެވެ.

ފެންބޮޑުވުމާ ގުޅިގެން ޕާކިސްތާނަށް ލިބިފައިވާ ގެއްލުމުގެ މިންވަރު ހަތަރު ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެގައުމުން ބުނެއެވެ. ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތެރޭގައި ހަ ލައްކަ ގެ އާއި 130 ފިހާރަ ހަލާކުވުމާއި 146 ބްރިޖު ވެއްޓުމާއި 3084 ކިލޯމީޓަރުގެ މަގާއި ހައިވޭ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ހަލާކުވުން ހިމެނެއެވެ.

comment ކޮމެންޓް