މާކުރަތުގައި ހިންގި މާރާމާރީއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

މާކުރަތު

ރ. މާކުރަތުގައި އިއްޔެ ހިންގި ގްރޫޕު މާރާމާރީއަކާ ގުޅިގެން ހަތަރު މީހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން މާކުރަތު ކައުންސިލްގެ ރައީސް މުހައްމަދު ރަމީޒް "ސަން"އަށް ވިދާޅުވީ އެ މާރާމާރީ ހިންގީ އިއްޔެ މެންދުރުފަހުކަމަށެވެ. އަދި މާރާމާރީގައި ދެ މީހުންގެ ބޯ ފަޅައިގެންދިޔަ ނަމަވެސް އެކަކަށް މާ ބޮޑު އަނިޔާއެއް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަކުގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ދިޔަ. އޭނަ އަށް އުނގޫފާރު ހޮސްޕިޓަލުގަ ފަރުވާދީފަ ދޫކޮށްލައިފި. ދެން ބޯ ފަޅައިގެންދިޔަ މީހާ ރަށު ސިއްހީ މަރުކަޒުން ފަރުވަދީފަ ދޫކޮށްލީ،" ރަމީޒް ވިދާޅުވިއެވެ.

މާރާމާރީ ހިންގި ސަބަބެއް އަދި ކައުންސިލަށް ވެސް ސާފު ނުވާކަމަށް އޭނާ ވިދާޅުވިއެވެ. މި މާރާމާރީގައި އަނިޔާވީ އުމުރުން 32 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހަމަނުޖެހުމަކަށް ނުގޮސް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެރަށު ރައްޔިތުންގެ ކިބައިން ކައުންސިލްގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ.

"ދިމާވާ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކުރަން އަޅުގަނޑު އިލްތިމާސްކުރަން،" އޭނާ ވިދާޅުވިއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް