މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރުމުން ކިޔަވާކުއްޖެއް ކަމަށް ބުނެ ދޫކޮށްލަން އެދިއްޖެ

ކްރިމިނަލް ކޯޓު: މާރާމާރީގެ ތުހުމަތުގައި ބަންދުކުރުމުން ބުނީ ކިޔަވާކުއްޖަކަށް ވުމުން ދޫކޮށްލައިދިނުމަށް -- ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ

މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނަކު އޭނާއަކީ "ކިޔަވާ ކުއްޖެއް" ކަމަށް ބުނެ ބަންދުން ދޫކޮށްލައިދިނުމަށް އެދިއްޖެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ގއ. ދާންދުއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ޒުވާނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މާރާމާރީގެ ތުހުމަތުގައެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައި ވުމުންނެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި ފުލުހުންގެ ބަޔާނުގެ އިތުރުން، ސީސީޓީވީ ފުޓޭޖާއި އެ ފުޓޭޖްގެ ސްނެޕް ޝޮޓްތައް ހިމެނޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ކޯޓު އަމުރުގައި، އޭނާއަކީ ކިޔަވާ ކުއްޖެއް ކަމަށާއި ކުރެވެނީ ކުޑަ ތުހުމަތެއް ކަމުގައި ވާތީ ބަންދުން ދޫކޮށްލައިދިނުމަށް އޭނާގެ ފަރާތުން އެދިފައިވާ ކަމަށް ވެއެވެ. ނަމަވެސް އޭނާއާ އިތުރު ބަޔަކު، މަޖީދީ މަގުގައި އެކަކު އަނެކެއްގެ ގަޔަށް އަތްލައި، މާރާމާރީ ހިންގާފައިވާކަމަށް ހުށަހެޅިފައިވާ ހެކިތަކުން އެނގޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އެގޮތުން އެ ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު، އޭނާ މިވަގުތަށް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިޚްތިޔާރު އެބައޮތް ކަމަށާއި، މި ހާދިސާގައި އިތުރު ދެ މީހަކު ފުލުހުންނަށް ފިލައިގެން ގޮސްފައިވާކަން އެނގޭ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އޭނާގެ ބަންދަށް އިއްޔެ 12 ދުވަސް ޖަހާފައިވާއިރު، ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 15 ވަނަ ދުވަހަށެވެ.

މާރާމާރީގެ މިފަދަ މައްސަލަތަކަކީ ވެސް މިހާރު ރާއްޖޭގައި ދޭތެރެއަކުން ފެންމަތިވާ މައްސަލައެކެވެ. ވަކިން ޚާއްސަކޮށް މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ ޒުވާނުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް