ބޭރު ފައިސާ ހިފެހެއްޓުމަށްޓަކައި 300 ވަރަކަށް ބާވަތުގެ ތަކެތި އިމްޕޯޓް ނުކުރަން ސްރީލަންކާ ނިންމައިފި

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ

ކޮލަންބޯ (28 އޮގަސްޓް 2022): ސްރީލަންކާއަށް ކުރިމަތިވެފައިވާ ތަދުމަޑުކަމާއި އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ބޭނުންވާ ލޯނު ހޯދުމުގެ ވާހަކަތަކުގެ އިތުރު ބުރެއް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާއެކު ފެށުމާއެކު ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ސްރީލަންކާ ސަރުކާރުން އަޅައިފިއެވެ.

ޚަރަދު ކުޑަކުރުމުގެ ގޮތުން ސްރީލަންކާއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ބޭރުން އިމްޕޯޓްކުރާ ގިނަ ބާވަތްތަކެއް އިމްޕޯޓު ނުކުރުން ހިމެނެއެވެ. ސްރީލަންކާގެ ނޫސްތައް ބުނާގޮތުން އިމްޕޯޓު ނުކުރަން ނިންމި ބާވަތްތަކުގެ ތެރޭގައި ކޮސްމެޓިކްސްގެ ބައެއް ބާވަތްތަކާއި ބައެއް އާލާތްތަކާއި ބައެއް ބާވަތްތަކުގެ ކާބޯތަކެތި ހިމެނެއެވެ.

ކާބޯތަކެތީގެ ތެރޭގައި ދަޅުކާނާއާއި ފާސްޓް ފުޑުގެ ގިނަ ބާވަތްތައް ހިމެނެއެވެ. އެ ތަކެތި ހިމެނޭގޮތަށް 300 ބާވަތެއްގެ ތަކެތި އިމްޕޯޓްކުރުން އެގައުމުން މިހާރުވަނީ ހުއްޓާލާފައެވެ. ނަމަވެސް މި އޮގަސްޓް މަހުގެ 23ގެ ކުރިން އޯޑަރު ދީފައިވާ މިބާވަތުގެ ތަކެތި އަންނަ ސެޕްޓެމްބަރު 24ގެ ކުރިން ލަންކާއަށް އެތެރެ ވާނަމަ އެ ތަކެތި އިމްޕޯޓްކުރުމަށް ހުއްދަ ދޭނެކަމަށް ސްރީލަންކާގެ މީޑިއާ ބުނެއެވެ.

ސްރީލަންކާގެ އިގްތިސާދު ބަނގުރޫޓުވެ މާލިއްޔަތު އިފްލާސް ވެފައިވާތީ ބޭރުން އިމްޕޯޓްކުރާ ތަކެތީގެ މިންވަރު ދަށްކުރަން ސަރުކާރަށްވަނީ މަޖުބޫރުވެފައެވެ. ރިޕޯޓްތައް ބުނާގޮތުން ސްރީލަންކާގައި ބޭރުން ތަކެތި ގަނެވޭވަރުގެ ރިޒާވް ހުރީ 300 މިލިއަން ޑޮލަރަށް ވުރެވެސް ދަށުގައެވެ. މި 300 މިލިޔަން ޑޮލަރު ބޭނުންކޮށްގެން އިމްޕޯޓްކުރަން ސްރީލަންކާ ސަރުކާރުން ބޭނުންވަނީ ތެލާއި ގޭހާއި އަސާސީ ކާބޯތަކެއްޗާއި ބޭސްފަދަ ރައްޔިތުންގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަކެތި އެކަންޏެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު ސްރީލަންކާގައި ތެޔޮގެ ސްޓޮކް ވަނީ ތަންކޮޅެއް ރަނގަޅު ވެފައެވެ. އަދި ކަރަންޓް ލިބޭ ވަގުތުތައްވެސްވަނީ ކުރިއާ އަލާބަލާއިރު އިތުރުވެފައެވެ. ނަމަވެސް ގައުމަށް ލިބޭ އާމްދަނީން އަދި ދެކޮޅު ޖެއްސޭވަރު އަދިވެސް ނުވެއެވެ. ސްރީލަންކާ އޮތީ ދަރަނި ނުދެއްކޭ ހާލަތުގައެވެ. ދައްކަންޖެހި ނުދެއްކިފައިވާ (ޑިފޯލްޓް ވެފައިވާ) ދަރަނީގެ އަދަދު 6.9 ބިލިއަން ޑޮލަރަށް އަރައެވެ.

ސްރީލަންކާގެ ބޭރުގެ ދަރަނީގެ މިންވަރަކީ 51 ބިލިޔަން ޑޮލަރެވެ. މީގެތެރެއިން ޖަޕާނުން ނަގާފައިވާ ލޯންތަކުގެ އަދަދަކީ 11 ބިލިޔަނެވެ. ޗައިނާގެ ލޯންތަކުގެ އަދަދަކީ 10 ބިލިޔަނެވެ. އިންޑިއާއިން ނަގާފައިވާ ލޯންތަކުގެ އަދަދުވެސް ފަސް ބިލިޔަނަށް ވުރެ މަތިކަމަށްވެއެވެ. ދެންހުރި ލޯންތައް ނަގާފައިވަނީ ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ މާލީ މުއައްސަސާތަކުންނެވެ.

ސްރީލަންކާގެ ސަރުކާރު ލަފާކުރާގޮތުގައި އައިއެމްއެފްއިން ނަގަންއުޅޭ 3.5 ބިލިއަން ޑޮލަރުގެ ލޯނު ލިބިއްޖެނަމަ މިހާރު ކުރިމަތިވެފައިވާ ބަނގުރޫޓުވުމާއި އިގްތިސާދީ ކާރިސާއިން އަރައިގަނެވި ދަރަނި ދެއްކޭ ހާލަތަށް އިގްތިސާދު ގެންދެވޭނެއެވެ. ދަރަނި ދެއްކޭ ހާލަތަށް އިގްތިސާދު ގެންދެވިއްޖެނަމަ އިތުރު ލޯންތައް ލިބި އިގްތިސާދީ އިތުރު މަސައްކަތްތައް ފެށުމުގެ މަގު ތަނަވަސްވެ އަލުން "އިގްތިސާދުގެ އިންޖީނުތައް" ދެމެހެއްޓެނިިވި ގޮތެއްގައި ހިނގައިގަންނާނެއެވެ.

comment ކޮމެންޓް