އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ޗެލްސީއިން ކާމިޔާބުކޮށްފިއެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ޗެލްސީއިން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ލެސްޓާއަށް ގޯލުޖަހާނެ ރަނުގެ ފުރުސަތުތައް ލިބި ބޭކާރުވެފައިވާއިރު މެޗުގައި ގޯލު ޖަހައި ލީޑު ނެގީ ޗެލްސީއިންނެވެ.
ޗެލްސީއިން މެޗުގެ ބޮޑުބައި ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިއަކު ނުލައެވެ. އެއީ މެޗުގެ 28 ވަަނަ މިނެޓުގައި އެ ޓީމުގެ ކޮނާ ގެލަގާއަށް ދެވަނަ ރީނދޫ ކާޑު ހަމަވެ ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ.
ނަމަވެސް ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ޗެލްސީގެ ރަހީމް ސްޓާލިން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ މާކް ކުކުރެލާގެ އެހީތެރިކަމާއެކު އޭނާ ޖަހައިފައިވާ ގޯލެކެވެ.
މީގެއިތުރުން މެޗުގެ 63 ވަނަ މިނެޓުގައި ރީސް ޖޭމްސް ތަނަވަސް ކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެން ސްޓާލިން ވަނީ ދެވަނަ ގޯލުޖަހައިފައެވެ.
އެ ގޯލުޖެހިތާ ތިން މިނެޓު ފަހުން، މެޗުގެ 66 ވަނަ މިނެޓުގައި ލެސްޓާއިން ގޯލެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ވަނީ ކުޑަކޮށްފައެވެ. ޖެމީ ވާޑީގެ އެހީތެރިކަމާއެކު އެ ގޯލު ޖަހައިފައިވަނީ ހާވޭ ބާންސްއެެވެ.
އެ ނަތީޖާއާއެކު މޮޅުވެ ޗެލްސީ ވަނީ ތާވަލުގެ ހަވަނައަށް ޖެހިލައިފައެވެ. އެއީ ހަތަރު މެޗު ކުޅެގެން ލިބުނު ހަތް ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވި ލެސްޓާ ތާވަލުގެ 19 ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކުއެވެ.