މ. ރަތްމަންދޫގައި ރައްޔިތުން ހައްލުކުރަން ބޭނުންވާ އެންމެ މުހިއްމު ކަންތަކުގެ ތެރޭގައި ހިމެނޭ ބަނދަރެއް ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އަވަހަށް ފެށުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް މިހާރު މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ރަތްމަންދޫއަށެވެ.
ރަތްމަންދޫއަށް ވަޑައިގެން ރައީސް ޞާލިޙު ވަނީ އެ ރަށު ރައްޔިތުންގެ އިތުރުން ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ރަތްމަންދޫގެ ތަރައްގީއަށް ހިންގަމުންދާ މަޝްރޫއުތަކާއި ރައްޔިތުންނަށް ހުރި ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރަތްމަންދޫ ސްކޫލުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް މ. ރަތްމަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ކައުންސިލުން އެންމެ އިސްކަންދީގެން ހައްލުކުރަން ބޭނުންވާ ކަންކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާ ވާހަކަދައްކައިގެން މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
އެގޮތުން ރަށުގެ ރައްޔިތުން ހައްލުކުރަން ބޭނުންވާ އެންމެ މުހިއްމު ކަންތަކުގެ ތެރޭގައި ހިމެނޭ ބަނދަރެއް ހެދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އަވަހަށް ފެށުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ރަތްމަންދޫ ކައުންސުލުން ބުނީ މި ސަރުކާރުން އެ ރަށު ރައްޔިތުން ކުރިން އުއްމީދު ނުކުރާވަރުގެ ތަރައްގީއެއް ގެނެސްދީފައިވާ ކަމަށެވެ. އަދި މިހާރުވެސް ގިނަ މަޝްރޫއުތަކެއް ހިނގަމުންދާ ކަން ކައުންސިލުން ފާހަގަކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް މ. ރަތްމަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
ކައުންސިލުން ބުނީ ކުރިން އެރަށުގެ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ފެނާއި ނަރުދަމާ ނެތުން ކަމަށެވެ. އެހެންނަމަވެސް މިހާރު ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ހިނގަމުންދާކަމަށް ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ ލަފާފުރުމުގެ ދަތިކަމާއި ރަށް ގިރުމާއި، ލެބޯޓްރީގެ ޚިދުމަތް މެދުކެނޑިފައިވުމާއި ސްކޫލު ކުދިން މަދުވުމާ އެކު ތައުލީމު ދިނުމުގައި ދަތިތަށް އެބަހުރި ކަމަށެވެ.
މ. އަތޮޅުގެ ފަސް ރަށަކަށް ރައީސް ކުރައްވާ ރަސްމީ އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.
ރައީސްގެ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ.