މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށްފި

ކަނޑުދަތުރުކުރަނިކޮށް ---

ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާ ކޮށްފިއެވެ.

އެ އިދާރާއިން ބުނީ މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެންވާ ކަމަށެވެ.

މެޓުން ބުނީ އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އިތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ މެޓުން ބުންޏެވެ.

ހަމައެއާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާ ކޮށްފައެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާ ހަ ފޫޓާ ދެމެދު ކަމަށް މެޓުން ބުންޏެވެ.

މެޓުން ވަނީ މިއަދު މެންދުރުފަހު 13:15އިން ހަވީރު 18:00އަށް ނ. އަތޮޅުން އދ. އަތޮޅާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ.

އެގޮތުން ހުދު ސަމާލު ނެރެފައިވާ ހިސާބުތަކަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ކަނޑުތަށް ގަދަ ވާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.

ފާއިތުވި ހަފުތާ އަކީ އާއްމު ގޮތެއްގައި މޫސުން ރަނގަޅު ހަފުތާއެކެވެ.

ނަމަވެސް އޭގެ ކުރިން މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުނެވެ. އެ ވިއްސާރާގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރައި، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

comment ކޮމެންޓް