އަލީއަށް ހަމަލާދިން މީހާ ދޫވެފައި ހުރީ އެކަހެރި ކުރަން އަންގާފަ ނެތީމައި: ޖެންޑާ

އަލީ ޞާލިހަށް ހަމަލާދިން މީހާ-- ފޮޓޯ: ދައުރު

ސްޓޭޓް މިނިސްޓަރު އަލީ ޞާލިހަށް ތޫނު އެއްޗަކުން ހަމަލާދިން މީހާ މުޖުތަމައުއަށް ދޫވެފައި ހުރީ އޭނާ އެކަހެރި ކުރަން ޑޮކްޓަރުން ވެސް އަދި އާއިލާއިން ވެސް އެދިފައި ނެތުމުން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

އަލީއަށް ހަމަލާ ދިނީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެކެވެ. އޭނާ މަސައްކަތް ކުރީ އަލީގެ ކަރުގައި ތޫނު އެއްޗަކުން އެޅުމަށެވެ. އެކަން ކާމިޔާބު ނުވުމުން އޭނާ ވަނީ އަލީގެ އަތަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމު ކޮށްލައިފައެވެ. އެ މައްސަލައިގައި އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

އޭނާއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ، އައިއެސްގެ ލޯގޯ ޖަހާފާއި ހުރި ޖުއްބާއެއް ލައިގެން ހުރެ، ސަލްމާން މިސްކިތުގައި ހުކުރު ކުރަން ހުރަސް އެޅުމުން ހައްޔަރުކޮށް ފަހުން ދޫކޮށްލި މީހާއެވެ. އެފަހަރު އޭނާ ދޫކޮށްލީ އޭނާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ބުނެއެވެ.

އޭނާ ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަޖީދީމަގުގައި ތިބި ޓްރެފިކް ދެ ފުލުހުންނަށް މަރުގެ އިންޒާރުދީފައެވެ. އެ މަންޒަރު ވަނީ އެރޭ އެތުނުގައި ތިބި ނޫސްވެރިންނަށް ވެސް ފެނިފައެވެ.

އަލީއަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ އިތުރުން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ތޫނު އެއްޗެއް ހިފައިގެން މަގުމަތީ އޭނާ އަޑުގަދަ ކޮށްވެސް ހެދިއެވެ.

އެހާ ނުރައްކާ މީހަކު މުޖުތަމައުއަށް ދޫވެފައި ހުރީ ކީއްވެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ. އޭނާއަކީ އެހީތެރިކަން ބޭނުންވާ ބަލި މީހެއް ނަމަ އެކަހެރި ނުކޮށް ހުރީ ކީއްވެގެންތޯ ކަންބޮޑުވުން ފާޅުކުރާ މީހުން ސުވާލު ކުރެއެވެ.

އެކަމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީގެ އިސް އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެފަދަ މީހުންނަށް ފަރުވާ ދޭ ގުރައިދޫ މަރުކަޒަށް މީހުން ގެންދަނީ އާއިލާއާއި ޑޮކްޓަރުން އެކަމަށް އެދުމުން ކަމަށެވެ. މި މީހާ މަރުކަޒަށް ގެންދިއުމަށް އާއިލާއަކުން ވެސް އަދި ޑޮކްޓަރުވެސް ލަފާދީފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"އޭނާގެ ބޭސް ފަރުވާގެ ކަންކަން ކުރަމުން ދިޔައީ ވެސް އާއިލާއިން. އާއިލާގެ ބެލުމުގެ ދަށުގައި އޭނާ ހުރީ،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި އޭނާގެ ފަރާތުން ފެނުނު ގެވެށި ގުޅުމުގެ މައްސަލައެއް މީގެ ކުރިން އެ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް އެ މައްސަލައިގެ ތަފުސީލެއް މިނިސްޓްރީއަކުން ނުދެއެވެ.

އޭގެ އިތުރުން 2020 ވަނަ އަހަރު އޭނާ ނަފްސާނީ ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ނުގެންދެވިގެން އާއިލާއިން އެހީތެރި ކަމަށް އެދުނު ކަމަށާއި އެފަހަރު އެކަން މިނިސްޓްރީން ކޮށްދިން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެ މީހާ މާލެ ތެރޭގައި އުޅެމުން ދިޔައީ އަމިއްލައަށް ސައިކަލް ދުއްވައިގެންނެވެ. ދީނީ ގޮތުން ހަރުކަށި ވާހަކަތަކެއް ދައްކައި މީހުންނާ އަރާރުން ވަމުން ދިޔައެވެ. އެގޮތުން ބައެއް ސްކޫލްތައް ދޮށަށް ވެސް އެއްވެ އަޑުގަދަކޮށް ވެސް ހެދިއެވެ.

comment ކޮމެންޓް