ނިދަން ކަމަށް ބުނެ ރޭގެ ވަގުތެއްގައި ކުޑަ ކުއްޖަކަށް ފަރުވާދޭން އިންކާރު ކުރި ޑޮކްޓަރު ވަޒީފާއިން ވަކި ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް ހއ. ހޯރަފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.
ހޯރަފުށީގައި މީހަކު އޭނާގެ އެއް އަހަރުގެ ދަރިފުޅު ހުން ގަދަ ވެގެން ޑޮކްޓަރަށް ދައްކަން ދޮޅު ގަޑިއިރެއްހާއިރު މަޑުކުރުމަށް ފަހު ނަންބަރު ޖެހުމުން ނިދަން ކަމަށް ބުނެ ފަރުވާދޭން އެ ރަށު ޑޮކްޓަރު އިންކާރު ކުރި ކަމަށް ސޯޝަލް މީޑިއާގައި އެ ކުޑަ ކުއްޖާގެ ބައްޕަ ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ. އެ ރަށުގައި ހުންނަނީ ބިދޭސީ ފިރިހެން ޑޮކްޓަރެކެވެ.
އެތައް ފަހަރެއްގެ މަތިން ކުއްޖާގެ ހާލަތު ކިޔާ ދިނުމުންވެސް ފަރުވާދޭން އިންކާރު ކޮށްފައިވާ ކަމަށާއި ހޮސްޕިޓަލުގެ މެނޭޖަރު ބުނުމުން ވެސް ކުއްޖާއަށް ފަރުވާ ދީފައިނުވާ ކަމަށް ކުޑަ ކުއްޖާގެ ބައްފަ ބުނެފައިވެއެވެ.
ފަރުވާ ނުލިބިގެން އުޅުނު ކުޑަ ކުއްޖާގެ ބައްޕަ ކުރި ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ އެ ކުއްޖާއަށް ފަރުވާދޭން ފެށުނުއިރު ތިން ގަޑިއިރު ވެފައިވާ ކަމަށެވެ. އެއީ ވެސް ނަރުސް ކުދިންގެ ސަބަބުން ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ހޯރަފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރު ރަޝީދު މިއަދު "ސަން"އަށް ވިދާޅުވީ އެންމެ ފުރަތަމަ އެ ކުއްޖާއަށް ފަރުވާދޭން އިންކާރު ކުރިކަން އޭނާއަށް ރިޕޯޓު ކުރުމާއެކު އެ ޑޮކްޓަރަށް ގުޅާފައިވާ ކަމަށެވެ. ނަމަވެސް އޭނާ އެކަން އިސްލާހު ނުކުރި ކަމަށް ރަޝީދު ވިދާޅުވިއެވެ.
"ދެން ޖެހޭނީ ޓާމިނޭޓް ކުރަން. އެކަން މިހާރު ކުރަމުން މިދަނީ. އޭނައަށް އަންގަން ޖެހޭ ކަންކަން އަންގާ، މިކަހަލަ ކަންކަން ކުރިއަށް ދަނީ،" އޭނާ ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ މިހާރު އެ ރަށުގައި ހުރި ޑޮކްޓަރަކީ މީގެ ދެމަސް ކުރިން ގެނައި ޑޮކްޓަރެއް ކަމަށެވެ. އަދި އޭގެ ކުރިން ހުރި ޑޮކްޓަރު ވެސް ބަދަލުކުރަން ޖެހުނީ އޭނާ ގަޑިއަށް ސިއްހީ މަރުކަޒަށް ނުދާތީއާއި އެފަދަ ބައިވަރު މައްސަލަތައް ކުރިމަތިވުމުން ކަމަށް ރަޝީދު ވިދާޅުވިއެވެ.
ހޯރަފުށީ ކައުންސިލުން ވެސް ވަނީ ޑޮކްޓަރުން ފަރުވާ ކުޑަ ކުރުމުގެ ޝަކުވާތައް އާއްމުން ހުށަހަޅާ ކަމަށް ބުނެފައެވެ.