ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ދުނިޔޭގެ ފެންވަރު ރަނގަޅު ބްރޭންޑްތަކުގެ ތަކެތި ގެންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެެމަނިކުފާނު މިހާރު ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރ. އަނގޮޅިތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ސިއްޙީ މަރުކަޒުތަކުގައި ހުންނަ އިކުއިޕްމެންޓްތައް ނުހުއްޓި ހިންގޭނެ ގޮތަށް ކަންތައްތައް ރޭވުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެންމެ ފެންވަރު ރަނގަޅު ބޭސް ގަނޑުކޮށް ގެނެސް އަގުހެޔޮކޮށް ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މިހާރު މަސައްކަތްތަކެއް ފަށާފައި ވާކަަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ސިއްޙީ މަރުކަޒުތަކުގައި ހުންނަ އިކުއިޕްމެންޓް ތަކަކީވެސް ދުނިޔޭގެ އެންމެ ރަނގަޅު ބްރޭންޑްތަކުގެ އިކުއިޕްމެންޓްތަކަށް ހެދުމަށްވެސް ނިންމާފައި ވާކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރ. އަނގޮޅިތީމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
"އެއީވެސް ހަމަ ބަލްކް ޕްރޮކިއުޕްމެންޓްގެ ތެރެއިން އެކީގައި ގިނަ އަދަދެއްގެ ރަށްރަށަށް ވާވަރަށް ގަނެގެން ގެނެސް ހަރުކޮށް، އޭގެ ރީއެޖެންޓްސް އެއަށް ބޭނުންވާނެ ވަސީލަތްތައް، ހިންގުމަށް ބޭނުންވާނޭ ތަކެއްޗަކީވެސް ފަސޭހައިން ލިބޭނެ ތަކެތި އެކަހަލަ ބްރޭންޑްތައް ގެނައިމަ. އެ ގޮތަށް އެކަން ކުރަން އޮންނާނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގިނަ ފަހަރަށް ރައްރަށުގައި ހުންނަ ބްރޭންޑްތަކަކީ އެއައް ބޭނުންވާ ވަސީލަތްތައް ފަސޭހައިން ނުލިބޭ ތަކެތި ކަމަށެވެ. އެހެންކަމުން އެކަންކަން އަބަދު ރަނގަޅުކުރަންވުމުން ޚަރަދު ވަރަށް ބޮޑު ކަމަށާއި އެއްފަހަރުން ބޮޑު ޚަރަދެއް ހިނގި ކަމުގައި ވީނަމަވެސް ކުރިއަށް އޮތް ތަނުގައި މެއިންޓަނަންސްއަށް ބަލާއިރު ޚަރަދު ކުޑަކުރެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"ކޮލިޓީއަށް ބަލާއިރުވެސް ރައްޔިތުންނަށް މާރަނަގަޅު ޚިދުމަތެއް ދެވޭ ކޮލިޓީ މެޝިންތައް ގެނެވުނީމަ،" ރައީސް ވިދާޅުވިއެވެ.

ރ. އަނގޮޅިތީމުގައި އޭޓީއެމް ބެހެއްޓުމަށް އެރަށުގެ ކައުންސިލާއި ބީއެމްއެލާއި އެކުގައި ސޮއި ކޮށްފި --- ފޮޓޯ/ ރައީސް އޮފީސް
އަނގޮޅިތީމުގައި ބޭއްވި ޖަލްސާގައި ވަނީ އެ ރަށުގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމަށް ކައުންސިލާއި ބޭންކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓިއެމްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ބީއެމްއެލްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަސައްކަތް އިފުތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.