ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި ޝީޝާގެ ތިން ބެއިން ހުޅުވާފައިވާ އެކައުންޓުން މަކަރާއި ހީލަތުން 18 މިލިއަން ރުފިޔާ ނެގި މައްސަލައިގައި ކުށް ސާބިތުވި މީހާ ފަސް އަހަރާއި ހަތް މަހަށް ޖަލަށްލުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އެސްބީއައިގައި ޝީޝާގެ ތިން ބެއިން ހުޅުވާފައިވާ އެކައުންޓުން ވަގު ޑޮކިއުމެންޓްތަކެއް ހުށަހަޅައިގެން 18 މިލިއަން ރުފިޔާ ނެގި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ބ. ތުޅާދޫ މާފަރިވާގޭ އިބްރާހީމް ޝާހިދުގެ މައްޗަށެވެ.
އޭނާގެ މައްޗަށް އުފުލި މަކަރާއި ހިލާތް ހެދި ކަމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އޭގެ 11 އަހަރު ފަހުން މިއަދު ހައި ކޯޓުން ވަނީ ޝާހިދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމް ކޮށްފައެވެ.
ޝާހިދުގެ މައްޗަށް އުފުލި ދައުވާގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ހައި ކޯޓުން މިއަދު އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ އެ އަދަބު ތިން ދަރަޖައަށް މަތިކޮށްފައެވެ. އެއީ އޭނާ ކުރި ކުށުގެ ސަބަބުން ބަޔަކަށް ލިބުނު ގެއްލުމުގެ މިންވަރަށް ބެލުމަށްފަހުއެވެ.
އެހެންކަމުން ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ފަސް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޝާހިދު ޖަލަށްލުމަށެވެ. އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ.
އެ މައްސަލައިގައި ޝާހިދުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ ޝީޝާގެ ތިން ބެއިން ކަމުގައިވާ ހ. ޝީޝާވެހި އަހްމަދު ހަސަން މަނިކު އާއި މއ. ހުޝާމްއިން އިބްރާހީމް ހުޝާމް އާއި ހަމައެގޭ ހުސައިން ހުޝާމްގެ ނަމުގައި އެސްބީއައިގައި ހުޅުވާފައިވާ އެކައުންޓުން ވަގު ޑޮކިއުމަންޓުތަކެއް ހުށަހަޅައިގެން ނެގި ފައިސާ ފުރަތަމަ ޖަމާކޮށްފައި ވަނީ ޝާހިދާއި ބ. ތުޅާދޫ ނޫރާނީއާގޭ މުހައްމަދު ރަޝީދު އަބްދުލް ބާގިރުގެ ނަމުގައި އެސްބީއައިގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށެވެ.
އެ ދެ މީހުންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހާއި 20 ވަނަ ދުވަހާ ދެމެދު އެކި ދުވަސް މަތިން ކަމަށް ދައުވާގައިވެ އެވެ.
އެސްބީއައިގެ މުވައްޒަފުންނާއި އިތުރު ބައެއްގެ މައްޗަށް ވެސް އެ މައްސަލައާ ގުޅިގެން ކުރިން ދައުވާ އުފުލިނަމަވެސް މިހާރު ވަނީ އެމީހުންގެ މައްސަލަތައް އަނބުރާ ގެންގޮސްފަ އެވެ.