އެޗްޑީސީއާއި ޝީޝާގެ ލަކީޑްރޯއިން ކުޑަކުޑަ ޔޫހާއަށް ލިބުނު ސައިކަލު ހަދިޔާކުރީ ބައްޕައަށް

ޔުހާއާއި އިނާމު ހަވާލު ކުރަނީ: އެޗްޑީސީއާއި ޝީޝާ ގުޅިގެން ބޭއްވި ލަކީޑްރޯގެ ނަސީބުވެރިއަކަށް ޔޫހާ --- ފޮޓޯ/ އެޗްޑީސީ

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން 'މައި ހުޅުމާލެ އީދު ޕަވާޑް ބައި ދިރާގު' ގެ ނަމުގައި ބޭއްވި އީދު ހަރަކާތްތަކުގެ ތެރެއިން ޝީޝާ މޯލްޑިވްސްއާ ގުޅިގެން ބޭއްވި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތަކަށް ކުޑަކުޑަ ކުއްޖެއްކަމަށްވާ ޔޫހާ ހޮވިއްޖެއެވެ.

މި ލަކީޑްރޯގައި ޔޫހާއަށް ނަސީބުން ލައްވާލީ އެއާބްލޭޑް 160 ސީސީގެ ރެޑް އެޑިޝަންގެ ސައިކަލެކެވެ. އެއާއެކު ޔޫހާ ވަނީ އީދު ހަދިޔާއެއްގެ ގޮތުގައި މި ސައިކަލް އޭނާގެ ބައްޕައަށް ހަދިޔާކޮށްފައެވެ.

ތިން ދުވަހަށް ބަހާލައިގެން ކުރިއަށް ދިޔަ މި އިވެންޓުގައި ދިވެހިންގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މިގޮތުން، ދިވެހިން އިހުގެ ސަގާފީ ހަރަކާތްތައް ދައްކުވައިދޭ ބޮޑު މަސް ދުއްވުމާއި ކޯޑި ކެނޑުމާއި މާލީ ޕެރޭޑު ހިމެނެއެވެ. އަދި، ކުޑަކުދިންގެ ހަވީރަކާއި ހަވާ އެރުވުމުގެ ހަރަކާތަކާއި ދިރާގު އީދު ޝޯ ވެސް ކުރިއަށް ގެން ގޮސްފައިވެއެވެ.

އެޗްޑީސީން ބުނީ، މި އަހަރުގެ ބޮޑު އީދު ވެގެން ދިޔައީ ހުޅުމާލޭގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމުގެ ރޫހު ދިރުވައިދިން އީދަކަށް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ބޮޑު އީދާ ދިމާކޮށް މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭ ރަށްތަކުގައި ވެސް އަންނަނީ ސަގާފީ ތަފާތު ކުޅިވަރުތައް ކުޅެމުންނެވެ. އެގޮތުން، ނައު ދުއްވުމާއި ކޯޑި ކެނޑުމާއި މާލި ޕެރޭޑު ނެރުމާއި ތާރަ ޖެހުން ފަދަ ހަރަކާތްތައް ހިމެނެއެވެ.

އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ކަމުދާނެ ގޮތަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔުން ކަމަށް އެޗްޑީސީން ބުނެއެވެ.

comment ކޮމެންޓް