ގެވެށި އަނިޔާ ލިބޭ މީހުންގެ ހިޔާގެ ބިން ގަތުމުގެ އެގްރީމަންޓުގައި ސޮއިކޮށްފި

ޑީވީ ޝެލްޓާގެ ބިމުގެ ޕާޗޭސް އެގްރީމަންޓުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެޗްޑީސީ

މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއިން ހުޅުމާލޭގައި ޤާއިމްކުރާ ޑޮމެސްޓިވް ވަޔެލެންސް (ޑީވީ) ޝެލްޓާގެ ބިން ގަތުމުގެ އެގްރީމަންޓުގައި މިއަދު ސޮއިކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި ބޭއްވި މިރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޖެންޑާ މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޢާއިޝަތު މުޙައްމަދުދީދީއެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

ހުޅުމާލޭގައި ޤާއިމްކުރާ ޑީވީ ޝެލްޓާ "ސްޓްރެންތަނިން ޖެންޑާ އިންކްލޫސިވް އިނީޝިއޭޓިވް" އަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު ކުރިޔަށް ގެންދާ މަޝްރޫޢުގައި ހިމެނޭ ކޮމްޕޯނަންޓެއްގެ ތެރެއިން ހިމެނޭ ކަމެކެވެ. މިއީ ފަސް އަހަރަށް ބަހާލެވިގެން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ މައިގަނޑު މަޤްސަދަކީ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށްވެގެން ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ. އަދި ލާމަރުކަޒީކޮށް ހިދުމަތް ދިނުމުގައި މިންތީގެ ނަޒަރިއްޔާތު ހިމަނައިގެން ނަތީޖާ ހާސިލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ތަންފީޒުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑީގައި ހިމެނޭ މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ އިތުރުން ސްޓެރިޓީޖިކް އެކްޝަން ޕްލޭން (ސެޕް)ގެ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމެވެ.

ހުޅުމާލޭގައި ޤާއިމްކުރާ ޑީވީޝެލްޓަރަކީ ސޭފް ހޯމް ކޮންސެޕްޓްގެ ދަށުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު ރާއްޖޭގެ ތިން ސަރަހައްދެއްގައި (ހުޅުމާލެ، ރ.އުނގޫފާރު، އައްޑޫ ސިޓީ ހިތަދޫ) ޤާއިމް ކުރުމަށް ކަނޑައަޅާފައިވާ ތިން މަރުކަޒުގެ ތެރެއިން އެއް މަރުކަޒެވެ.

comment ކޮމެންޓް