ނަޝީދު ބާކީވެއްޖެ، ބަރުލަމާނީ ބައްދަލުވުމަށް ވަޑައިގެންނެވިއިރު ތިބީ ސެކިއުރިޓީ އެކަނި

އެމްޑީޕީ ހަރުގޭގައި ރައީސް ނަޝީދާއި އިތުރު މީހަކު -

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީ ހަރުގޭގައި ކުރިއަށް ގެންދަވާ ބަރުލަމާނީ ބައްދަލުވުމަށް މިރޭ ވަޑައިގެންނެވިއިރު، އެ ޖަގަހާގައި ތިބީ އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން އެކަންޏެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމުގެ ގޮތުން ރައީސް ނަޝީދު ގެންދަވަނީ އެމްޑީޕީ ހަރުގޭގައި ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ.

އެގޮތުން މިރޭގެ ބައްދަލުވުމަށް ވަޑައިގެން ހަރުގެ ތެރެއަށް ވެދެވަޑައިގެންނެވިއިރު، އެމްއެންޑީއެފްގެ ސެކިއުރިޓީން ފިޔަވައި، އެއްވެސް މީހަކު އެތަނުގައި ނެތެވެ.

އެމަނިކުފާނު ހަރުގެ އެތެރޭގައި އިރުކޮޅަކު އިންނެވުމަށްފަހު، ބޭރަށް ނިކުމެވަޑައިގެން ދުވާރު މަތީގައި ތިބި މީހުންނާ ސަލާން ކުރައްވާ އެތެރެއަށް ވެއްދިއެވެ. އެ މީހުން ފިޔަވައި އިތުރު ބަޔަކު ނުވަނުމުން، މައިކް ބޭނުން ކުރައްވައިގެން އެދިވަޑައިގަތީ ދުވާރު މަތީގައި ތިބި މަދު މީހުން ވެސް އެތެރެއަށް ވަނުމަށެވެ.

ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމުގެ ހުވަފެން ދެކެވަޑައިގެންނަވާ ބޭފުޅެކެވެ. މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރައްވަން ބޭނުންފުޅުވާކަން އެކި ޕްލެޓްފޯމުތަކުގައި ހާމަކުރައްވާފައެވެ.

ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވެސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެންނަން ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. އަދި ބޮޑުވަޒީރަކަށް ވާން ތައްޔާރަށް ހުންނެވިކަން ހާމަ ކުރެއްވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ނަަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައެވެ.

comment ކޮމެންޓް