ވިލިމާލޭގައި ބަގީގެ ޚިދުމަތް ސިޓީ ކައުންސިލުން ދިނުމަށް ފާސް ކޮށްފި

ވިލިމާލޭގައި ދުއްވާ ބަގީއެއް ---

ވިލިމާލޭގައި ބަގީގެ ޚިދުމަތް އެގްރިމެންޓުގައިވާ ގޮތަށް ނުދޭތީ، 99 ހޯލްޑިންގްސްއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް، އެ ޚިދުމަތް މާލޭ ސިޓީ ކައުންސިލުން ދިނުމަށް ފާސް ކޮށްފިއެވެ.

ބަގީގެ ޚިދުމަތް ނުލިބި، ރައްޔިތުންނަށް އެތެރޭގައި ދަތުރުފަތުރުގެ ޚިދުމަތް އިންތިހާއަށް ބޮޑުވެފައި އޮތް މި ދަނޑިވަޅުގައި ސިޓީ ކައުންސިލުން އެ ޚިދުމަތް ދިނުމަށް ހުށަހެޅީ މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ.

މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 63 ވަނަ ރަސްމީ އާއްމު ޖަލްސާގައި ނަހުލާގެ ހުށަހެޅުން ފާސް ކުރީ ބައިވެރި މެމްބަރުންގެ އިއްތިފާގުންނެވެ.

ވިލިމާލޭގައި ބަގީގެ ޚިދުމަތް މެދުކަނޑާލާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވުމުން, އެ ޚިދުމަތް ދިނުމަށް ސިޓީ ކައުންސިލާއެކު އެއްބަސްވުން ހަދާފައިވާ 99 ހޯލްޑިންގްސްއަށް، ވަނީ މި ދިޔަ މާޗް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެންމެ ފަހު ފުރުސަތު ދީފައެއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ ސިޓީ ކައުންސިލްގެ ފަރާތުން 99 ހޯލްޑިންގްސްއާ އެކި ފަހަރު މަތިން ބައްދަލު ކުރެވި، އަދި ލިޔެކިޔުމުން ވެސް ތަކުރާރުކޮށް ނޯޓިސް ދީފައިވާ ކަމަށާއި އެކަމަކު ޚިދުމަތަށް ބަދަލެއް ނާންނަ ކަމަށެވެ.

ނަހުލާ ވިދާޅުވީ މިދިޔަ ހަފްތާގައި ޚާއްސަ އެހީއަށް ބޭނުންވާ މީހަކު، މާލެ ގެންދަން ޖެހިގެން ބެލިއިރު، އެމްބިއުލާސެއް، އަދި ދުއްވާ އެއްޗެއް ވެސް ނުލިބުނު ކަމަށާއި އެހެންވެގެން ފެރީ ޓާމިނަލަށް ގެންދިޔައީ ބަރޯއަކަށް ލައިގެން ކަމަށެވެ.

"މިއަދާ ހަމައަށް ވެސް ތަކުރާރުކޮށް ވިލިމާލޭ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ޝަކުވާއެއް، އެތެރޭގެ ދަތުރުފަތުރުގެ ނިޒާމް ބޮއްސުންލާފައި އޮތްކަން. ވެހިކަލް ނުލިބޭކަން. ދުއްވާ އެއްޗެއް ނުލިބޭ ތަނުގައި ބައެއް މީހުން ފެރީ ޓާމިނަލާ ހަމައަށް ވެސް ދެވޭނެ ގޮތެއް ނެތިފައި ތިބިކަން. އެމަޖެންސީ ހާލަތެއްގައި ބަލި މީހަކު ނުވަތަ މާބަނޑު އަންހެނަކު ގެންދަން ޖެހުނަސް މީގެ ކުރިން ބަރޯއަށް ލައިގެން ގެންގޮސްފައި އެބަހުރި،" ނަހުލާ ވިދާޅުވިއެވެ.

ވިލިމާލޭގައި ބަގީގެ ޚިދުމަށް އަލުން ނުފެށި ލަސްވަނީ ބަގީތަކުގެ ބެޓެރިތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް 99 ހޯލްޑިންގްސް ކުންފުނިން މިދިޔަ އަހަރު ވަނީ ބުނެފައެވެ. އެކުންފުނިން އޭރު ބުނީ ބެޓެރި ރާއްޖެ ގެނައުން ލަސްވަނީ ކޮވިޑުގެ ސަބަބުން ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދު ކޮށްފައި އޮތުމުން ކަމަށެވެ.

comment ކޮމެންޓް