ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ، ރިޔާސީ ނިޒާމެއް އޮވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީގެ ރައީސް މުޙައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތް އިތުރަށް ފުޅާކުރައްވާފައިވަނިކޮށެވެ.
އެމަނިކުފާނު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައެވެ.
ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލިސް މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަގާމުތަކެއް ކަމަށެވެ. އެކަމަކު ބަރުލަމާނީގައި ގައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިޚާބު ކުރާ ބޭފުޅެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތް ރައީސް ނަޝީދު ފައްޓަވާފައިވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2008 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ކަނޑައެޅުމަށް ނެގި ފެންނަ ނުފެންނަ ވޯޓުން ރައްޔިތުން ނިންމާފައިވަނީ ރިޔާސީ ނިޒާމު ބޭއްވުމަށް ފެންނަ ކަމަށެވެ.