ކުޅުންތެރިއަކު މަދުން ކުޅެން ޖެހުމަކީ ޕްރެޝަރެއް، ދެން ކުޅޭ މެޗަކަށް މޮޅުވާނަން: ކްލޮޕް

ޖާގެން ކްލޮޕް---

މެޗުގެ ބޮޑު ބައެއް އެއް ކުޅުންތެރިއަކު މަދުން ކުޅެން ޖެހުމުން ދަނޑުމަތީގައި ތިބި ކުޅުންތެރިންނަށް ޕްރެޝަރާ ކުރިމަތިވިކަމަށް ލިވަޕޫލްގެ ކޯޗު ޖާގެން ކްލޮޕް ބުނެފިއެވެ.

ރޭ ޕްރިމިއާ ލީގުގައި ލިވަޕޫލް ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގެ 57 ވަނަ މިނެޓުގައި ބެންފިކާ ދޫކޮށް މި ސީޒަނުގައި ލިވަޕޫލަށް ބަދަލުވި ޑާވިން ނުނޭޒްއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

ނުނޭޒްއަށް ރަތް ކާޑު ދެއްކި އިރު އެ ޓީމު އޮތީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. ނަމަވެސް މެޗުގެ 61 ވަނަ މިނެޓުގައި ލިވަޕޫލްގެ ލުއިސް ޑިއާޒް ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

އެ މެޗަށް ފަހު މީޑިއާއާ ވާހަކަދައްކަމުން ކްލޮޕް ބުނީ މެޗުގައި ޑާވިން ހެދި މިސްޓޭކަކީ ގަބޫލުކުރެވޭނެ މިސްޓޭކެއް ނޫންކަމަށެވެ.

ކްލޮޕް ބުނީ ޑާވިންއަށް ހެދުނު މިސްޓޭކުން އޭނާ އިބުރަތް ތަކެއް ހޯދަން ޖެހޭކަމަށެވެ. އަދި އޭނާ އެ މިސްޓޭކުތައް ރަނގަޅުކުރަން ދަނޑާ ދުރުގައި މެޗުތަކެއް ނުކުޅެ ހުންނަން ޖެހޭނެކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރުމެން ކުޅެމުން ދިޔައީ ވަރަށް ރަނގަޅަށް. ޕްރެޝަރުގައި މިކަހަލަ މެޗެއްގައި އާންމުކޮށް ވާނީ މިހެން،" ކްލޮޕް ބުންޏެވެ.

އޭނާ ބުނީ ކުޅުންތެރިއަކު މަދުކޮށް ކުޅެގެން ދަނޑުމަތީގައި ތިބޭ ކުޅުންތެރިންްނަށް ޕްރެޝަރު ވާނެ ވަރު ފުޓުބޯޅަ ބަލާ މީހުންނަށް އެނގޭނެކަމަށެވެ.

އެ މެޗުން ހެދުނު ގޯސްތައް ދެނެގަނެ ދެން އަންނަ މެޗަކުން މޮޅުވާނެކަމަށް ވެސް ކްލޮޕް ބުންޏެވެ. ޕްރިމިއާ ލީގުގައި ލިވަޕޫލް ދެން ކުޅޭނީ ތާވަލްގެ ފުލުގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅޭ އެ މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހުގެ ދަންވަރު 12:00ގައެވެ.

comment ކޮމެންޓް