ޝިއާއުގެ ހަށިގަނޑުގެ ފޮޓޯތައް ލީކެއް ނުކުރަން: ފުލުހުން

ފުލުހުންތަކެއް އޮޕަރޭޝަންއެއްގައި ހަރަކާތްތެރިވަނީ-- ސަން ފަައިލް ފޮޓޯ

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލި ޝިއާއު މުހައްމަދު ސައީދު ހަށިގަނޑުގެ ފޮޓޯތައް ލީކު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ފޮޓޯތަކަކީ އެ މުއައްސަސާގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް، އެފަދަ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާކަމަށް ނުބެލެވޭ ކަމަށެވެ.

އެ ފޮޓޯތަކަކީ ފުލުހުންގެ ތަހުގީގަށް ނަގައި، ތަހުގީގުގައި ބޭނުންކުރަމުން ގެންދާ ފޮޓޯތަކެއް ނޫންކަން ފާހަގަކޮށް ފުލުހުން ބުނީ ކުށުގެ ވެއްޓަށް ވަދެފައިވާ އެއްވެސް ފަރާތަކުން އެފަދަ ފޮޓޯއެއް ނަގައި، ލީކު ކޮށްފައިވޭތޯ ބަލަމުންދާ ކަމަށެވެ.

ފުލުހުން ބުނީ އެ ފޮޓޯ ތަކަކީ އަނިޔާވެރިކަން ފެންނަ، ގިނަ ބަޔަކަށް އެކަމުން އަސަރު ކުރުވާނެފަދަ ފޮޓޯތަކަކަށް ވުމާއެކު، އެކަކު އަނެކަކަށް އެ ފޮޓޯތައް ފޮނުވައި އެކި ވަސީލަތްތައް މެދުވެރިކޮށް ދައުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ޝިއާއު މަރާލައި ހަށިގަނޑުގެ ބައެއް ގުނަވަންތައް ވަކިކޮށްފައި، އޮއްވާ ފެނުނީ ހ. ޝީރީން ވިލާގޭގެ ނުވަ ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުންނެވެ. ފުވައްމުލަކު ސިޓީ، މާދަނޑު، ކުރި، 22 އަހަރުގެ ޝިއާއުގެ ޕޯސްޓްމޯޓަމް އިންޑިއާއިން ހެދުމަށްފަހު ހަށިގަނޑު ރާއްޖެ ގެނެސް، އޭނާގެ ޖަނާޒާ ބާއްވާފައިވަނީ ފުވައްމުލަކުގައެވެ.

އަނިޔާވެރިގޮތަކަށް ޝިއާއު މަރާލާފައި އޮއްވާ ފެނުނުއިރު، ޝިއާއުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ފ. ނިލަންދޫ، ފިނިފެންމާގޭ އަލީ ޝާހިލް، 22އެވެ. އެ ހާދިސާ ހިނގި ރޭ އެ ގެއިން ޝާހިލް ނެރެގެން ގެންގޮސްފައިވަނީ އެރޭ ދަންވަރު 1:25 ގައެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހިނގި އެންމެ ރަހުމު ކުޑަ އެއް މަރެވެ.

comment ކޮމެންޓް