ރަޝިއާއާއި އުތުރު ކޮރެއާގެ ގުޅުންތައް އިތުރަށް ބަދަހިކުރަނީ

ޕޫޓިން އާއި ކިމް

މޮސްކޯ (16 އޮގަސްޓް 2022): ދުނިޔޭގެ މަސްރަހު މިހާރު އޮތްގޮތުން ރަޝިއާއާއި އުތުރު ކޮރެޔާއާ ދެމެދު ގުޅުންތައް އިތުރަށް ބަދަހިކުރަން ޖެހޭކަމަށް ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ވިދާޅުވެއްޖެއެވެ.

ޕޫޓިން މިހެން ވިދާޅުވީ އޭނާ އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގް އުންއަށް ފޮނުއްވި ސިޓީއެއްގައެވެ. ކިމްއަށް ފޮނުއްވި ސިޓީގައި ޕޫޓިން ވިދާޅުވެފައިވަނީ ދުނިޔޭގެ މަސްރަހު މިހާރު ބަދަލުވަމުންދާ ގޮތުން ރަޝިއާއާއި އުތުރު ކޮރެޔާއަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށާއި ދެގައުމު ގުޅިގެން އެ ގޮންޖެހުންތަކާ ކުރިމަތިލައިގެން ނޫނީ ދެގައުމުގެ މަސްލަހަތު ހިމާޔަތް ކުރަން ދަތިވާނެކަމުގައެވެ.

މިކަމަށްޓަކައި ރަޝިއާއާއި އުތުރު ކޮރެޔާގެ ގުޅުންތައް ހުރިހާ ދާއިރާތަކެއްގައިވެސް އިތުރަށް ހަރުދަނާ ކުރުމަކީ ދެ ގައުމުގެ މަސްލަހަތު ހިމާޔަތްކުރަން މުހިންމު ކަމެއް ކަމުގައެވެ. އަދި މިކަމުގެ ސަބަބުން ކޮރެޔަން ޕެނިންސިއުލާއާއި ރަޝިއާގެ އިރުމަތި ފަޅިކަމަށްވާ އޭޝިޔާ އިރުއުތުރު ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަސޭހަވެގެން ދާނެ ކަމަށްވެސް ޕޫޓިންގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ޕޫޓިންގެ ސިޓީގެ ޖަވާބުގައި އުތުރު ކޮރެޔާގެ ޒައީމު ފޮނުއްވި ސިޓީގައި އޭނާވެސް ވަނީ ރަޝިއާއާ ގުޅުންތައް ބަދަހިކުރަން އުތުުރުކޮރެެއާ ބޭނުންވާކަން ހާމަކުރައްވާފައެވެ.

އުތުރު ކޮރެޔާއާއި ރަޝިއާއަކީ އެމެރިކާއާ ކުރިމަތިލުމުގައި މަސްލަހަތު ވަރަށް އެއްގޮތް ދެގައުމެވެ. އުތުރުކޮރެއާގެ ނިއުކްލިޔާ ޕްރޮގްރާމަށާއި އެގައުމުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމަށް އެންމެ ބޮޑަށް ހުރަސްއަޅާ ގައުމަކީ އެމެރިކާއެވެ. އަދި އުތުރުކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އެގައުމު އިނދަޖައްސާލުމަށް މަސައްކަތްކުރާ މައިގަނޑު ގައުމަކީވެސް އެމެރިކާއެވެ.

އެމެރިކާވަނީ އުތުރު ކޮރެއާއާ ކުރިމަތިލުމަށްޓަކައި ދެކުނު ކޮރެއާގައި އަސްކަރީ ބޭސްތައް ބިނާކޮށް 30 ހާހަށްވުރެ ގިނަ ސިފައިން ރުކުރުވާލަފައެވެ. އަދި ޖަޕާނުގައި އެމެރިކާ ރުކުރުވާލަފައިވާ 40 ހާހަށްވުރެ ބޮޑު އަސްކަރީ ބާރުގެ މައިގަނޑު އަމާޒަކީވެސް އުތުރުކޮރެއާއެވެ.

ރަޝިއާއަށް ބަލާއިރު ރަޝިއާގެ އެންމެ ބޮޑު ދުޝްމަނަކީ އެމެރިކާއެވެ. ރަޝިއާގެ ގައުމީ ސަލާމަތަށް ނުރައްކާވާގޮތަށް ނޭޓޯ ފުޅާކުރުމުގެ ފަހަތުގައިވެސްވަނީ އެމެރިކާއެވެ. އަދި ޔުކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިސް މޭސްތިރިއަކީވެސް އެމެރިކާ އެވެ.

މީގެއިތުރުން ރަޝިއާއާ ކުރިމަތިލުމަށްޓަކައި ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދޭ މައިގަނޑު ގައުމަކީވެސް އެމެރިކާއެވެ. އެހެންކަމުން ރަޝިއާގެ ސަރަހައްދީ ރޮނގާ ދުރަށް ނޭޓޯ ގެންދިޔުމަށްޓަކައި ރަޝިއާ ޔޫކްރެއިނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ރަޝިއާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމެރިކާއެވެ.

މި ސަބަބުތަކަށްޓަކައި ބައިނަލްއަގްވާމީ މަސްރަހުގައި އެމެރިކާއާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުން މަޖްބޫރުވެފައިކަމަށް ރަޝިއާއާގެ އިތުރުން އުތުރު ކޮރެޔާ ދެކެއެވެ. އުތުރުކޮރެއާ ވަނީ ރަޝިއާއިން ޔުކްރެއިން އާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ރަޝިއާއަށް ފާޅުކަން ބޮޑު ގޮތެއްގައި ތާއިދުކޮށްފައެވެ.

ރަޝިއާއާ އުތުރުކޮރެއާއިން ގުޅުންތައް ބަދަހިކުރުމަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައާއި ރީނދޫކަނޑާއި އުތުރު ޗައިނާ ކަނޑުގައި އެމެރިކާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެކަމެކެވެ. އަނެއްކޮޅުން މިއީ ޗައިނާއަށް ލިބޭނެ ކަމެކެވެ. އަދި އުތުުރުކޮރެއާ އާ ދެކޮޅަށް އދ. ގެ ސަލާމަތީގައި ހަރަކާތްތެރިވުންވެސް މިކަމުގެ ސަބަބުން އެމެރިކާއަށް ދަތިވެގެންދާނެއެވެ. ރަޝިއާއަކީ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު އޮންނަ ގައުމެކެވެ.

comment ކޮމެންޓް