ރޭޕް ރިޕޯޓް ކުރިތާ ހަފުތާއެއް، އަދި މީހަކު ހައްޔަރެއް ނުކުރޭ

ޖުލައި 12، 2020: ރޭޕް ކުރުމާއި ދެކޮޅަށް "ޖާގައެއް ނެތް" ނަމުގައި ހޮޓަލް ޖެންކައިރީ ކުރި މުޒާހިރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ޒުވާން އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ ފުލުހުންނަށް މައްސަލައެއް ހުށަހެޅިތާ ހަފުތާއެއް ވެގެން ދިޔައިރު އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ ހޯމަ ދުވަހުއެވެ. މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

އެކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކުރުމަށްފަހު އޭނާ ސޯޝަލް މީޑިއާގައި ވަނީ އެ ކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

އޭނާ ބުނީ ރައްޓެހިވެގެން އުޅޭ މީހާއާ އާއި އިތުރު ބަޔަކާ އެކު އެކުގައި ބައްދަލުވެލުމަށް ހުކުރު ދުވަހު (މި މަހުގެ ފަސް ވަނަ ދުވަސް) ތަނަކަށް ގޮސްފައިވާނެ ކަމަށެވެ. އަދި އެތަނުގައި ތިބުމަށްފަހު ރައްޓެއްސަކު ތަނަކަށް ލުމަށް އޭނާ ރައްޓެހިވެގެން އުޅޭ މީހާ ދިޔަފަހުން އެތަނުގައި ހުރި މީހަކު އޭނާ ރޭޕްކުރީ ކަމަށް އެ އަންހެން މީހާ ކިޔައިދިނެވެ.

"ރޭޕްކުރީ އަހަރެން އެކަނި ހުއްޓައި. ރައްޓެހިވެގެން އުޅޭ މީހާ އެނބުރި އައިއިރު އެކަން ވެ ނިމިއްޖެ. ލިބުނު ޝޮކުގެ ސަބަބުން އެވަގުތު ވާހަކަދައްކަން އަހަންނަށް އުނދަގޫވެ ބަހެއް ނުބުނެވުނު،" އެ އަންހެން މީހާ ކިޔައިދިނެވެ.

ލިބިފަހުރި ޝޮކެއްގެ ބޮޑު ކަމުން ހަދާނެ ގޮތް ހުސްވެ ބުނާނެ އެއްޗެއް ވެސް ނޭންގި ލޯބިވެރިޔާ އައުމުން އޭނާ އެކުގައި ގެއަށް ދިޔައީ ކަމަށް އޭނާ ބުންޏެވެ. އަދި ގެއަށް ގޮސް ލޯބިވެރިޔާއަށް އެ ވާހަކަތައް ހިއްސާ ކުރި ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ސުވާލުކުރީ ލައިގެން ހުރި ހެދުމުގެ ކުރުމިނާމެދުކަމަށް ބުނެ އެ އަންހެން މީހާ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

ހާދިސާގެ މައުލޫމާތު އަނިޔާ ލިބުނުކަމަށް ބުނާ މީހާ ސޯޝަލް މީޑިއާގައި އާންމު ކުރުމާ ގުޅިގެން އެ ރޭ ގެޓްޓުގެދާއަށް ދިޔަ އަށް މީހުންގެ ތެރެއިން ބައެއް މީހުން ފާޅުގައި ވަނީ ތުހުމަތު ކުރެވޭ ފިރިހެން މީހާގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. ތުހުމަތު ކުރެވޭ ފިރިހެން މީހާ އެފަދަ ކަމެއް ނުކުރާ ކަމަށާއި އަދި ނުކުރާނެ ކަމަށް ވެސް އެތަނަށް ދިޔަ ބައެއް އަންހެނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް