ދިއްގަރާއި ގާދިއްފުށިން އެ ދިން މެސެޖަކީ ރައީސް ޞާލިޙަށް އޮތް ސަޕޯޓު: މަހްލޫފް

ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް --

އިއްޔެ ބޭއްވި މ. ދިއްގަރާއި ތ. ގާދިއްފުށީގެ ބައި އިލެކްޝަންގެ ނަތީޖާއިން، އެ ދިން މެސެޖަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ރައްޔިތުންގެ މެދުގައި ސަޕޯޓު އޮތް މިންވަރު ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ ދިއްގަރާއި ތ. ގާދިއްފުށީގެ ބައި އިލެކްޝަން, ވެރިކަންކުރާ އެމްޑީޕީން ކާމިޔާބު ކުރުމާ ގުޅިގެން "ސަން"އަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެމްޑީޕީން އެ ދެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުންނާ ވާދަކޮށެެވެ.

އެގޮތުން ދިއްގަރު ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަބްދުالله އާރިފް ކާމިޔާބު ކުރެއްވީ 375 ވޯޓުންނެވެ. އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލްހަންނާނަށް ލިބިވަޑައިގަތީ 325 ވޯޓެވެ.

ގާދިއްފުށީ ކައުންސިލުން އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރީ ނުވަ ވޯޓުގެ ތަފާތުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިޚާ އަހްމަދަށް 210 ވޯޓު ލިބުނު އިރު ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލްހާދީއަށް ލިބިވަޑައިގަތީ 201 ވޯޓެވެ.

މަހްލޫފް ވިދާޅުވީ މި އިންތިޚާބުން ދައްކުވައިދިނީ ރައީސް ޞާލިޙަށް އިތުރު ދައުރެއް ދިނުމަށް ރައްޔިތުން ބޭނުންވެފައިވާ މަންޒަރު ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީ ކެންޑިޑޭޓަށް މިފަހަރު ލިބުނު ނަތީޖާއަށްވުރެ ތަފާތު ބޮޑު ނަތީޖާއެއް އަންނަ ރިޔާސީ އިންތިޚާބުގައި ވެސް ރައީސް ޞާލިޙަށް ހޯދައިދެވޭނެކަން، އެ ދިން މެސެޖުން ވަރަށް ސާފު ވެއްޖެ ކަމަށެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި ސަރުކާރުގެ ބޮލުގައި ހަގީގަތާ ޚިލާފު ދޮގު އިލްޒާމުތައް އެޅުވުމާއި ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނަ ދަނޑިވަޅަކާ ދިމާކޮށް އެމްޑީޕީއަށް އެ ލިބުނު ކާމިޔާބުން ޔަގީންވި އެއް ކަމަކީ އިދިކޮޅުން އެ ދައްކާ ވާހަކަތައް ރައްޔިތުން މިއަދު ބަލައިނުގަންނަ ކަމެވެ.

"މި އިންތިޚާބުން މި ދައްކައިދެނީ ރިޔާސީ އިންތިޚާބުގައި ވެސް ރައްޔިތުން ނެރެން ބޭނުންވާ ނަތީޖާ. އެއީ ރައީސް ޞާލިޙް، ދެވަނަ ދައުރަކަށް ގެންނަން ބޭނުންވާކަން. މި ރަށްރަށުން މި ފަހަރުވެސް އެ ދިން މެސެޖަކީ މި އިންތިޚާބުގައި އެމްޑީޕީ ކެނޑިޑޭޓަށް ލިބުނު ނަތީޖާއަށްވުރެ، މާފުރިހަމަ މާ ބޮޑު ނަތީޖާއެއް ރިޔާސީ އިންތިޚާބުން ރައީސް ޞާލިޙަށް ހޯދައިދެވޭނެކަން،" މަހްލޫފް ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމެން ކައިރިވެފައިވަނިކޮށް ގާދިއްފުށީގައި ބަނދަރުގެ މަސައްކަތެއް ކޮށްދިނުން ފިޔަވައި މިދިޔަ ވެރިކަންތަކުގައި އިތުރު ކަމެއް ނުކޮށްދޭކަން މަހްލޫފް ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ މިހާރު އެތަނުން ކޮންމެ ރަށެއްގައި ވެސް މީގެ ކުރިން ނުހިނގާ ވަރުގެ ބޮޑެތި ބިޔަ މަޝްރޫއުތައް ކުރިއަށް އެބަ ގެންދާ ކަމަށެވެ.

މަހްލޫފް ވިދާޅުވީ ކޮވިޑާ ގުޅިގެން މުޅި ދުނިޔެ، ކުރިމަތިލާން ޖެހުނު އިގްތިސާދީ ކާރިސާގެ ދަނޑިވަޅުގައި ވެސް ރައީސް ޞާލިޙް އެ ކޮށްދެއްވާ ކަންކަން ރައްޔިތުން ހަގީގަތުގައި ވެސް ބަލައިގެންފި ކަން މިހާރު އެބަ އެނގޭ ކަމަށެވެ.

"ދިއްގަރުގެ ބިން ހިއްކުމުގެ މަސައްކަތް އެދަނީ ކުރިއަށް. ޝޯ ޕްރޮޓެކްޝަން މަސައްކަތް އެދަނީ ކުރިއަށް. ޔޫތް މިނިސްޓްރީން ބަލާ ނަމަ ވޮލީ ކޯޓުގެ މަސައްކަތް މި މަސް ތެރޭ ނިމޭނެ. ބޮޑު ފުޓްބޯޅަ ދަނޑެއް އަޅަން ބިން ހިއްކާ ނިމިގެން އެކަން ވެސް ފެށެން ތައްޔާރު ވަނީ. ބައެއް ކަންކަން ތަންކޮޅެއް ސްލޯކޮށް އެބައުޅޭ. ނަމަ ވެސް ހުރިހާ މަސައްކަތެއް އެދަނީ ކުރިއަށް،" މަހްލޫފް ވިދާޅުވިއެވެ.

ރައްޔިތުން ބޭނުން ވަނީ ރަށަށް ތަރައްގީއާ ކުރިއެރުން ގެނައުމާއި ޖީބު ތަކަށް ފައިސާ ވަނުމުގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ގިނަވުން ކަން ފާހަގަ ކުރައްވާ މަހްލޫފް ވިދާޅުވީ އެގޮތުން ގާދިއްފުށީގައި ވަޒީފާއެއް ނެތް ޒުވާނުންގެ އަދަދު އުޅޭނީ ތިނެއް ނުވަތަ ހަތަރެއްގައި ކަމަށެވެ.

އިއްޔެ ބޭއްވި ބައި އިލެކްޝަންގައި އެމްޑީޕީން ހޯދި ކާމިޔާބީ އަކީ އިދިކޮޅު ޕީޕީއެމަށް ގަބޫލު ކުރާން ކިތަންމެ އުނދަގޫ ކަމަކަށް ވިޔަސް އެއީ މިއަދު ރައީސް ޞާލިޙަށް އޮތް ތާއީދު ކަން ފާހަގަ ކުރައްވާ މަހްލޫފް ވިދާޅުވީ އެ ކަމުން ވެސް އެނގިގެން ދިޔައީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރައްވާނެކަން ކަމަށެވެ.

comment ކޮމެންޓް