ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޒުވާނުންގެ ދައުރު މުހިއްމު: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް --- ފޮޓޯ/ ރައީސް އޮފީސް

ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޒުވާނުންގެ އާބާދީގެ ދައުރަކީ މުޅި ދުނިޔެއަށްވެސް ވަރަށް މުހިއްމު ދައުރެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީ އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ރާއްޖޭގައި ހުންނަ އދ. ގެ އޮފީސް ގުޅިގެން ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވަނީ ކޮވިޑް19 އާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވި ދަތިތަކާއި އަދި އިޤުތިޞާދީ އިޖުތިމާއީ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ.

އެގޮތުން ކޮވިޑް19 އިން އަރައިގަނެ ކުރިއަށް ދިޔުމަށް މަސައްކަތް ކުރާއިރު، މުޖުތަމުގެ ވިސްނުންތަކާ އެކު ކަންކަން ނިންމުމުގައި ޒުވާނުންގެ ދައުރެއް އޮތުމަކީ މުހިއްމުކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އެކަމުގައި އޮތް ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ މަސައްކަތް ކުރަން ޖެހޭކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ޒުވާނުންކަމަށާއި ތަރައްޤީގެ ކޮންމެ މަރުހަލާއެއްގައި ވެސް އެ މީހުން ޝާމިލުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި، ޒުވާން އާބާދީ އަދާކުރާ ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ސިވިލް ސާވިސްގައި 11،000 ވުރެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަމުންދާކަމަށާއި އިތުރު އެތައް ޒުވާނުންނެއް ޕްރައިވެޓް ސެކްޓާގައި ވެސް މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑް19 އާ ދެކޮޅަށް މަސައްކަތް ކުރުމުގައި ޒުވާނުންގެ ފަރާތުން ވެސް ނަމޫނާ މަސައްކަތްތަކެއް ފެނުނު ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ޒުވާނުންގެ އާބާދީއަކީ ރާއްޖޭގެ މުސްތަޤްބަލަށް އުންމީދީ އާބާދީއެއްކަން ހާމަވި ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިގެ އިތުރުން މުސްތަޤުބަލަށްޓަކައި އެންމެ މުހިއްމު ކަމަކީ ޒުވާނުން ބާރުވެރިކުރުން ކަމަށާއި ޒުވާނުންނަށް ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ހޯދައިދީ ޒުވާނުންނަކީ ޤާބިލް ބަޔަކަށް ހެދުން ކަމަށް ފައިސަލް ވިދާޅުވިއެވެ.

ހަމައެއާއެކު، އެކަމަކީ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމެއް ކަމަށާއި މިވަގުތު ޤައުމު ބޭނުން ވަނީ އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި އެ ޖަލްސާގައި ފައިސަލް ވަނީ ދުވަހާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްސަ ވީޑިއޯއެއް ވެސް އިފްތިތާހްކޮށްދެއްވާފައެވެ.

އެ ޖަލްސާގައި ރާއްޖޭގައި ހުންނަވާ އދ. ގެ ރެސިޑެންޓް ކޯޑިނޭޓާ ކެތަރިން ހެސްވެލް އާއި ޔޫތު މިނިސްޓްރީގެ އިސްބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީ ދާއިރާތައް ތަމްސީލް ކުރައްވާ މެމްބަރުންނާއި ކުޅުދުއްފުށީ ސިޓީގެ މޭޔަރާއި ކުޅުދުއްފުށީގެ މުއައްސަސާތަކުގެވެރިން ބައިވެރިވިއެވެ.

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 12 ވަނަ ދުވަހެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ، "ޖީލުތަކުގެ އެއްބައިވަންތަކަން، ހުރިހާ އުމުރުފުރައަކާއި ގުޅޭ ދުނިޔެއެއް ބިނާކުރުން." މިޝިއާރެވެ.

comment ކޮމެންޓް