އެފްއޭ ކަޕުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާއި ބިސްބުރު ސްޕޯޓްސް ބައްދަލުކުރި މެޗުން ބޮޑު ތަފާތަކުން، ފަސޭހަކަމާއެކު ސަސް މޮޅުވެއްޖެއެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗު ސަސްއިން ކާމިޔާބުކުރީ 10-0ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.
މިއަދުގެ މެޗު ފަށައިގެން ވެސް ސަސްއިން ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތުތައް ތަނަވަސް ކޮށްފައެވެ. އެގޮތުން މެޗުގެ ހަވަނަ މިނެޓުގައި ސަސްގެ އިބްރާހިމް އަތީގް ހަސަން ވަނީ އެ ޓީމުގެ ފުރަތަމަ ގޯލު ޖަހައިދީފައެވެ.
އެއަށް ފަހު މެޗުގެ 17 ވަނަ މިނެޓުގައި އަތީގްއަށް ބިސްބުރު ޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ސަސްއަށް ލިބުނު ހިލޭ ޖެހުން އެ ޓީމުގެ އައިހަމް އަހުމަދު ގޯލުގެ ތިރީކަނަށް އަމާޒުކޮށްލައިގެން މެޗުގެ ލީޑު އިތުރަށް ފުޅާކުރިއެވެ.
މީގެ އިތުރުން މެޗުގެ 33 ވަނަ މިނެޓުގައި އަތީގް ތަނަވަސް ކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި މުހައްމަދު ޝަހާއު ވަނީ ސަސްގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ސަސްގެ ފާރިޝް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުން ނިކުތް އަހުމަދު ހުޝާމް ވަނީ މެޗުގެ ހަތަރު ވަނަ ގޯލު ޖަހައިފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ސަސްއިން ވަނީ މެޗުގެ ފަސްވަނަ ގޯލު ވެސް ޖަހައިފައެވެ. އެ ގޯލަކީ އެ ޓީމުގެ އަލީ ނަސޫހް ރަޝީދު އެ ޓީމަށް ޖަހައިދިން ގޯލެކެވެ.
މެޗުގެ 70 ވަނަ މިނެޓުގައި އަތީގުގެ އެހީތެރިކަމާއެކު މެޗުގެ ހަވަނަ ގޯލު ކާމިޔާބު ކޮށްދީފައިވަނީ އަހުމަދު އައިހަމްއެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ހުޝާމް ވަނީ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ރީތި ގޯލެއް ޖަހައި ސަސްއަށް ހަތް ވަނަ ގޯލު ޖަހައިދީފައެވެ.
މެޗުގެ 82 ވަނަ މިނެޓުގައި ސަސް އިން ވަނީ އެ ޓީމުގެ އަށް ވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ހުޝާމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ނަސޫހް ޖެހި ގޯލެކެވެ. އޭގެ ހަތަރު މިނެޓު ފަހުން ސަސްގެ އަހުމަދު ހަމީދު ވަނީ އެ ޓީމުގެ ނުވަވަނަ ގޯލު ޖަހައިފައެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި ސަސްއަށް ލިބުނު ޕެނަލްޓީއެއްގެ ބޭނުންހިފައި 10 ވަނަ ގޯލު ޖަހައިފައިވަނީ އައިހަމްއެވެ،
އެފްއޭ ކަޕްގައި މިރޭ ވެސް މެޗެއް ވަނީ ކުޅެން ހަމަޖެހިފައެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ދިވެހި ޕްރެމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ޔުނައިޓެޑް ވިކްޓްރީއެވެ.