ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ފިރިހެން ޓީޓީ ޓީމު އީރާން އަތުން ބަލިވެއްޖެއެވެ.
އެ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އީރާނާ ދެކޮޅަށް ރާއްޖެ ނިކުތް މެޗުން ބަލިވެފައިވަނީ ތިން ސެޓުންނެވެ.
ޓީމް އިވެންޓުގެ ސިންގަލްސް ބައިގައި ފުރަތަމަ ރާއްޖޭގެ މޫސާ މުންސިފް ކުޅުނު މެޗު ތިން ސެޓުން އޭނާ ވަނީ ބަލިވެފައެވެ. އެ މެޗުގެ ސެޓުތައް އީރާންގެ ކުޅުންތެރިޔާ ގެންދިޔައީ 01-11، 06-11 އަދި 09-11ގެ ނަތީޖާއަކުންނެވެ.
ޓީމް އިވެންޓުގެ ދެވަނަ ސިންގަލްސް މެޗުގައި ޝައްފާން އިސްމާއީލް ކުޅުނުއިރު އޭނާ ވެސް އީރާން ކުޅުންތެރިއެއް އަތުން ބަލިވެފައިވަނީ ތިން ސެޓުންނެވެ. އެ މުޗުގެ ސެޓުތައް އީރާނު ކުޅުންތެރިޔާ ގެންގޮސްފައިވަނީ 05-11، 03-11 އަދި 05-11ގެ ނަތީޖާއަކުންނެވެ.
ޓީމް އިވެންޓުގެ ޑަބަލްސް މެޗުގައި މުންސިފް އަދި ޝައްފާންގެ ޕެއާ ބަލިވީ ވެސް ހަމަ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް އީރާންގެ ޑަބަލްސް ޕެއާއިން ކާމިޔާބުކުރީ 07-11، 09-11 އަދި 05-11ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި އީރާން އަތުން ބަލިވި ނަމަވެސް ކުއާޓާ ފައިނަަލަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް އަދިވެސް އެބައޮތެވެ. މާދަމާ ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅެން ހަމަޖެހިފައިވާ މެޗު ކާމިޔާބުކޮށްގެން ރާއްޖެއަށް ކުއާޓާގެ ޖާގައެއް ކަށަވަރު ކުރެވޭނެއެވެ.