ޑރ. އިޔާޒް އަލުން އެމްއެންޔޫ ވަޒީފާއަށް ނުކުންނަވައިފި

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަޠީފް އެނބުރި އެ ވަޒީފާއަށް މިއަދު ނިކުންނަވައިފިއެވެ.

ޑރ. އިޔާޒް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން އޭނާ ވަނީ މިދިޔަ އަހަރުގެ މާޗުމަހުގެ ތެރޭގައި ވަޒީފާއިން ވަކިކޮށްފައެވެ. އޭރު އެމްއެންޔޫއިން ބުނީ އޭނާގެ ޕޯސްޓުތަކާ ގުޅިގެން ތިން ފަހަރު އިންޒާރު ދީ، ދެ ފަހަރު ލިޔުމުން އިންޒާރު ދީފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޑރ. އިޔާޒު އެމްއެންޔޫގެ ވަޒީފާއިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށް ނިންމާ އެ ވަޒީފާ އޭނާއަށް އަނބުރާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިދިޔަ ޖޫން މަހު ވަނީ އަމުރުކޮށްފައެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފައި ވަނީ، ހަތް ދުވަސް ތެރޭ ވަޒީފާ އަލުން ދިނުމަށް ކަމަށެވެ.

އޭގެ ފަހުން މިއަދު ޑރ. އިޔާޒު ވަޒީފާއަށް ނިކުންނެވިއިރު، މީގެ ކުރިންވެސް ޑރ. އިޔާޒް ވަނީ ހަމަ އެ ފަދަ މައްސަލައެއްގައި ވަޒީފާއިން ސަސްޕެންޑު ވެސް ކޮށްފައެވެ.

އޭނާ މަގާމުން ވަކިކުރީ ސަސްޕެންޝަނުގެ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައި ވަނިކޮށެވެ. މި އަހަރުގެ އޭޕްރީލް މަހު ޓްރައިބިއުނަލުން ވަނީ އެ މައްސަލަ ވެސް ޑރ. އިޔާޒާ އެއްކޮޅަށް ނިންމާފައެވެ.

ޑރ. އިޔާޒް ވަކިކުރުމަށް އެމްއެންޔޫއިން ނިންމީ އަންހެނުން ޚިތާނުކުރުމުގެ މައުޟޫއަށް ލިޔެފައިވާ ލިޔުމެއް ޓްވީޓުކުރެއްވި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އޭގެ ފަހުން އޭނާ ވަނީ އަންހެނުން ޚިތާނުކުރުމަކީ ބާރުދޭ ކަމެއް ނޫންކަމަށް ވިދާޅުވެ، ބަޔާނެއް ވެސް ނެރުއްވާފައެވެ.

comment ކޮމެންޓް