ޝާހިލްގެ ނަން ނިލަންދޫގެ ދަފްތަރުގައި އޮތްކަން އެކަނި، އެއީ މިރަށު މީހެއް ނޫން: ކައުންސިލް

ޝާހިލް: އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ޝިއާއު މަރާލި ކަމަށް -- ފޮޓޯ/ ރެޑްބުލް، މުހައްމަދު އަހުސަން

އަނިޔާވެރި ގޮތަކަށް ރޭ މަރާލާފައި އޮއްވާ ފެނުނު ޒުވާނާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލް، 22 އަކީ އެ ރަށާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ 23:18 ގައެވެ. ހާދިސާ ހިނގި ހ. ޝީރީން ވިލާގޭގެ ނުވަ ވަނަ ފަންގިފިލާއަށް ފުލުހުން ދިޔައިރު ޏ. ފުވައްމުލައް، މާދަނޑު، ކުރި، ޝިއާއު މުޙައްމަދު ސަޢީދު އޮތީ މަރާލާފައެވެ.

އެ ގެއިން ޝާހިލް ނެރެގެން ގެންގޮސްފައިވަނީ ރޭ ދަންވަރު 1:25 ގައެވެ.

އަނިޔާވެރި މަރާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ނިލަންދޫޫގެ ރަޖިސްޓްރީގައި އޮތް މީހެއް ނަމަވެސް އޭނާ ދުވަހަކު ވެސް އެ ރަށަށް ގޮސްފައި ނުވާ ކަމަށް ކައުންސިލްގެ ރައީސް އަލީ އަހްމަދު ވިދާޅުވިއެވެ.

ޝާހިލްގެ ބައްޕަ ނިލަންދޫއަށް ނިސްބަތްވާއިރު އޭނާގެ މަންމަ އަކީ ފުވައްމުލަކު މީހެކެވެ.

"އެ ދެމަފިރިންގެ ހަ ކުދިން ތިބޭއިރު އެ ކުދިންގެ މަންމަ ވެސް އަދި އެތަނުން އެއްވެސް ކުއްޖަކު މި ރަށަށް އައިސްފައެއް ނުވޭ," ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ޝާހިލްގް ބައްޕަ އިތުރު ކައިވެނިތަކެއް ކޮށްފައިވާއިރު ނިލަންދޫގައި ދިރިއުޅެނީ އެ ރަށު މީހަކާ ކައިވެނިކޮށްގެން ލިބިފައި ހުރި ފަސް ކުދިން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެ ކުދިންނާ ޝާހިލްއާ އެއްވެސް ވަރެއްގެ ގުޅުމެއް ނޯންނަ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.

"އަނިޔާވެރި ގާތިލަކާ ގުޅުވައި ރަށުގެ ނަން ކިނލަބުވާތީ ރައްޔިތުން ވެސް ވަރަށް ކަންބޮޑުވޭ," ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ނިލަންދޫގައި އުޅެ ބޮޑުވެފައި ހުރި އެއްވެސް މީހަކު އެފަދަ ލާއިންސާނީ އަމަލެއް ނުހިންގާނެ ކަމަށް އަލީ އަހްމަދު ވަރަށް ޔަގީންކަމާ އެކު ވިދާޅުވިއެވެ.

މިއަދާ ހަމައަށް ވެސް އެ ރަށަކީ ކުށް ކުރުން މަދު އެފަދަ މީހުންގެ އުނދަގުލުން ސަލާމަތުން އޮތް ރަށެއް ކަމަށް އަލީ އަހްމަދު ވިދާޅުވިއެވެ.

"މިވަގުުތު ރަށުގައި ތިބި ފިނިފެންމާ ގެއަށް ނިސްބަތްވާ މީހުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް އެއީ އެ މީހުންނާ އެއްވެސް ވަރަކަށް ގުޅުމެއް ނުބާއްވާ މީހެއްގެ ސަބަބުން އެ މީހުންނާއި ރަށުގެ ނަން ބަދުނާމު ވުމަކީ," އަލީ އަހްމަދު ވިދާޅުވިއެވެ.

ކުށުގެ ވެށިން ޝާހިލް ހައްޔަރުކޮށްގެން ގެންދިޔިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ވަނީ މިއަދު ބުނެފައެވެ. އަދި އޭނާ ކުށަށް އިއުތިރާފް ނުވިނަމަވެސް ޝަރީއަތް ނިމެންދެން ވަނީ ބަންދުކުރުމަށް އަމުރު ކޮށްފައެވެ.

comment ކޮމެންޓް