ދިގު އިންތިޒާރަކަށްފަހު ސްޓެލްކޯގެ ފުލެޓުތައް މުވައްޒަފުންނާ ހަވާލުކޮށްފި

ސްޓެލްކޯގެ މުވައްޒިފުންނަށް އެކުންފުނީގެ ފުލެޓުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ސްޓެލްކޯގެ ފުލެޓުތައް އެ ކުންފުނީގެ މުވައްޒަފުންނާ މިއަދު ހަވާލުކޮށްފިއެވެ.

ފުލެޓުތައް ލިބުނު ސްޓެލްކޯގެ މުވައްޒަފުންނަށް އެ ފުލެޓުތައް ހަވާލުކޮށްފައިވަނީ މިއަދު ހެނދުނު އެކަމަށް ހާއްސަކޮށްގެން ސްޓެލްކޯ ފްލެޓް ޓަވަރު ކައިރީގައި ބޭއްވި ރަސްމިއްޔާތެއްގައެ.

އެ ރަސްމިއްޔާތުގައި ފްލެޓްތައް އިމާރާތްކުރި ރޯހައުސްގެ ފަރާތުން ފްލެޓްގެ ރަމްޒީ ތަޅުދަނޑި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފަށް ވަނީ އަރުވާފައެވެ. އަދި ޝަރީފް ވަނީ އެ ތަޅުދަނޑި ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓް ކޯޑިނޭޓިން ކޮމިޓީއާ ހަވާލު ކުރައްވާފައެވެ.

ރަސްމީކޮށް ފުލެޓުތައް މުވަައްޒަފުންނާ ހަވާލުކުރުމަށް ފަހު ޝަރީފު ވިދާޅުވީ ފުލެޓުތަކަށް ނަން ދިނުމުގެ ޒިންމާ އެކުންފުނީގެ ހައުސިން ޕްރޮޖެކްޓް ކޯޑިނޭޓިން ކޮމިޓީން އޭނާއާ ހަވާލުކޮށްފައިވާކަމަށެވެ.

"މިއަދު މި އައީ ވަރަށް ވިސްނައިގެން އެކި ގޮތްގޮތުން. އުޅެ އުޅެ ވެސް ސްޓެލްކޯ ރަމްޒުކުރެވޭ ފަދަ ދިވެހި ނަމެއް ނުލިބުނު. އެހެންވެ އިނގިރޭސިން ބެލީ. ވަރަށް ވިސްނާފަ އަޅުގަނޑު ނިންމީ ސްޓެލްކޯގެ ދެ ޓަވަރަށް ކިޔާނީ ބްލޫ ރިޗު ކަމަށް. ބްލޫ އެއީ ސްޓެލްކޯ ރަމްޒުކޮށްދިނުމުގެ ގޮތުން. ރިޗް އެއީ ދެން ޓަވަރަށް ކިޔާ ނަން،" އޭނާ ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކައިގައި ސްޓެލްކޯގެ އެ މަޝްރޫއަށް މުޅި ޖުމުލަ 692 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް "ނެގޯޝިއޭޝަން" ތަކަށްފަހު މުވައްޒަފުން އަތުން ނެގުމަށް ނިމުނީ 623 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭގެ ބާކީބައި ދެއްކުމަށް ހަމަޖެހިފައި ވަނީ ސްޓެލްކޯއިން ކަމަށާއި ފްލެޓުގެ އަގުގެ ގޮތުގައި ނަގަން ހަމަޖެހިފައިވާ 623 މިލިއަނުގެ ތެރެއިން 20 ޕަސަންޓުގެ ގޮތުގައި 114 މިލިއަން ރުފިޔާ މިހާރު ކަލެެެކްޓް ކުރެވިފައިވާ ކަމަށެވެ.

ސްޓެލްކޯގެ ފްލެޓު ލިބުނު 360 މުވައްޒަފުންގެެ ތެރެއިން 203 މުވައްޒަފުންނަށް ސްޓެލްކޯއިން ލޯނު ދޭން ނިންމާފައިވާ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

އެގޮތަށް އެކަން ކުރުމުން މުވައްޒަފުންގެ އަތުން 3.7 މިލިއަން ރައްކާ ކުރެވޭނެ ކަމަށާއި އެކަމުގެ ބަދަލެއްގެ ގޮތުން، ސްޓެލްކޯއިން މުވައްޒަފުންގެ ފަރާތުން އެދޭހާވެސް ކަމަކީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ރައްޔިތުން ބޭނުންވާ ގޮތަށް ދިނުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ގިނަ ދުވަސްތަކަކަށް ފަހު މިއަދު ސްޓެލްކޯގެ ފުލެޓުތައް މުވައްޒަފުންނަށް ޔަގީންކަމާއެކު ހަވާލުކުރާނެކަން ޝަރީފް ވަނީ ސްޓެލްކޯގެ އާ ޗެއާމަން އެ ކުންފުނީގެ މުވައްޒަފުންނަށް ތައާރަފުކޮށްދިނުމަށް ބޭއްވި ބައްދަލުވުމުގައި އިއުލާނުކުރައްވާފައެވެ.

ސްޓެލްކޯގެ ފުލެޓުތައް ލިބުނު މުވައްޒަފުން އަންނަ ޑިސެމްބަރާ ހަމައަށް މަހު ކުލި ދައްކަން ނުޖެހޭނެއެވެ. އެގޮތަށް ހެދީ އެ މުއްދަތުގެ ތެރޭގައި މުވައްޒަފުންގެ މުސާރައިންނާއި އެހެން ގޮތްގޮތުން ކުންފުންޏަށް 10 ޕަސެންޓް ދައްކަމުންދާތީ ކުލި ނަގައިފި ނަމަ ދަތިވާނެ ކަމަށް ފެންނާތީ ކަމަށް މީގެ ކުރިން ޝަރީފް ވިދާޅުވިއެވެ.

އެ ފުލެޓުތަކުގެ އެއް ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އަގު އުޅެނީ 5،622 ރުފިޔާއަށް ކަމަށް ވާއިރު، މެއިޑް ރޫމް ހިމެނޭ ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އަގު އުޅެނީ 10،356ރުފިޔާ އާއި 10،652ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ.

ހުޅުމާލޭ ދެވެނަ ފިޔަވަހީގައި، އެކި ކުންފުނިތަކުގެ ފުލެޓުތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިމާރާތްކުރަން ވަނީ ފަށާފައެވެ.

އޭގެތެރެއިން ސްޓެލްކޯގެ ދެ ޓަވަރުގައި އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓު ހިމެނެއެވެ. އެއީ ޖުމުލަ 360 ފުލެޓެވެ.

comment ކޮމެންޓް