އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑުކޮށްފި

ގިނަ ދިވެހިންނާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރާ އަލްމްގީރު ---

އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ ހޯމް މިނިސްޓްރީގެ މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.

ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ފެންނަ ވީޑިއޯތަކެއް އާންމުވަމުން އަންނައިރު އެންމެ ފަހުން އާންމުވި ވީޑިއޯގައި ހޯމް މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން ދިވެހި ޓީޗަރެއް ވެސް ހިމެނެއެވެ.

އެ ވީޑިއޯއާ ގުޅިގެން ހޯމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ އެ ވީޑިއޯ އިން ފެންނަ މުވައްޒަފު މިހާރު ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

އެނާއަކީ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފެކެވެ.

"އޭނާ އަކީ އެއްވެސް ހާލެއްގައި ކުޑަކުދިންނާ މުއާމަލާތް ކުރާ މުވައްޒަފެއް ނޫން،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާގެ އިތުރުން ދެން އެ ވީޑިއޯގައި ހިމެނޭ ޓީޗަރު ވެސް ވަނީ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ގިނަ ވީޑިއޯތަކެއް މިހާރުވެސް ލީކުކޮށްލާފައިވާއިރު އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން އެ މައްސަލާގައި ތުހުމަތުކުރެވޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަބްދުއްރަހްމާން ރަފީއު ވަނީ ހައްޔަރުކޮށްފައެވެ.

އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 100 އަށް ވުރެ ގިނަ ކަމަށް "ސަން"އަށް ވަނީ އެނިފައެވެ.

comment ކޮމެންޓް