އިއުތިރާފުގެ އެއްބަސްވުމެއް ހަދަން އަލަމްގީރް އެދިއްޖެ

ބަންގްލަދޭޝްގެ އަލަމްގީރް

ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގީރް އިއުތިރާފުގެ އެއްބަސްވުމެއް ހަދަން ތަހުގީގުގައި އެދިއްޖެއެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. ކޯޓު އަމުރެއްގެ ދަށުން އަލަމްގީރް ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅުނު ގެސްޓްހައުސް ތެރެއިންނެވެ.

އަލަމްގީރް ވަނީ އެއްޖިންސުން ގުޅުން ހިންގި ކަމަށް އެއްބަސްވެފައެވެ. އަދި އެކަމާ ގުޅިގެން ދިވެހި ރައްޔިތުންގެ ކިބައިން އޭނާ ވަނީ މައާފަށް އެދިފައެވެ. މައާފަށް އެދުނަސް މައްސަލަ ތަހުގީގުކޮށް އޭނާއަށް އަބަދު ދޭންޖެހޭ ކަމަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ ވިދާޅުވެފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އިއުތިރާފުގެ އެއްބަސްވުން ހެދުމަށް އަލަމްގީރް ހުށަހެޅި ހުށަހެޅުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެއެވެ. އެފަދަ އެއްބަސްވުންތައް ހަދަނީ ކުށުގެ ތުހުމަތު ކުރެވޭ މީހާ އާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދުއެވެ.

އިއުތިރާފުގެ އެއްބަސްވުން ހަދަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުންނެވެ.

އެ މާއްދާގައިވާ ގޮތުން ތުހުމަތު ކުރެވޭ މީހާއާއި ޕްރޮސިކިއުޓާ ޖެނެރަލްއާ ދެމެދު ވާހަކަ ދެކެވި، ތުހުމަތު ކުރެވޭ މީހާ ކުށަށް އިއުތިރާފްވެއްޖެނަމަ ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް ލިޔުމުން އެއްބަސްވުމެއް ވެވިދާނެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން ގާނޫނުގައި އެ ކުށަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަބަށް ވުރެ ދަށް ނުވާނެ އަދަބަކަށް އަދަބު ލުއި ކޮށްދޭން ދައުލަތަށް ކޯޓުގައި އެދެވިދާނެއެވެ.

ގާނޫނުގައި އެ ކުށަށް ކުޑަ އަދަބެއް ކަނޑައެޅިފައި ނުވާ ނަމަ އެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ކުޑަ ނުވާނެހެން އަދަބު ލުއި ކޮށްދެވޭނެ ކަމަށް ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވެއެވެ.

އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)އެވެ.

އަލަމްގީރްއާއެކު 100 އަށް ވުރެ ގިނަ މީހުން އެއްޖިންސުން ގުޅުން ހިންގާފައިވާކަން "ސަން"އަށް ވަނީ އެނގިފައެވެ.

comment ކޮމެންޓް