ރަސް ނިއުރޭޑިއަންޓު ބަލިކޮށް، އެލްޓީ އެއްވަނައަށް

އެފްއޭއެމް ސެކަންޑް ޑިވިޝަންގައި ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބު އަދި އެލްޓީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ / މުހައްމަދު ހައްޔާން

އެފްއޭއެމް ސެކަންޑް ޑިވިޝަންގަައި ނިއުރޭޑިއަންޓް ބަލިކޮށް އެލްޓީ ސްޕޯޓްސް ކުލަބުން ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

މިރޭ ގަލޮޅު ދަނޑުގައި ކުޅުނު ގްރޫޕް ދޭއްގެ އެ މެޗު އެލްޓީން ކާމިޔާބުކުރީ ފަހަތުންް އަރައި 3-2ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، ދެ ޓީމަށްވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

ދެވަނަ ހާފު ފަށައިގެން ނިއުއިން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އަޙްމަދު ސުހެއިލް ނަގައިދިން ބޯޅައަކުން އެ ޓީމުގެ ބިދޭސީ ފޯވާޑް ކޯފީ އޮވޫސޫ ކާމިޔާބުކޮށްދިން ގޯލެކެވެ.

އެފްއޭއެމް ސެކަންޑް ޑިވިޝަންގައި ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބު އަދި އެލްޓީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ / މުހައްމަދު ހައްޔާން

ނަމަވެސް މެޗުގެ 59 ވަނަ މިނެޓުގައި އެލްޓީން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ އާދަމް ލަރީފް ނަގައިދިން ހުރަހެއްގެ ބޭނުން ހިފައި ހުސައިން ޝުއައިބް ޖަހައިދިން ގޯލެކެވެ.

މެޗުގެ 79 ވަނަ މިނެޓުގައި އެލްޓީން ވަނީ ފުރަތަމަ ފަހަރަށް މެޗުގެ ލީޑުނަގައިފައެވެ. އެ ގޯލަކީ އިސްމާޢީލް ވިފާގް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަލީ ޝިޔާހު ކާމިޔާބުކޮށްދިން ގޯލެކެވެ.

އެ ގޯލާއެކު ނިއުގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 82 ވަނަ މިނެޓުގައި އެ ގޯލު ކާމިޔާބު ކޮށްދިނީ ކޯފީއެވެ.

އެ ނަތީޖާއާއެކު މެޗު ނިމެން ދަނިކޮށް މެޗުގެ 84 ވަނަ މިނެޓުގައި އެލްޓީން ވަނީ ގޯލެއް ޖަހައި އަލުން މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ލަރީފް ދިން ޕާހަކުން ވިފާގް ޖަހައިދިން ގޯލެކެވެ.

އެފްއޭއެމް ސެކަންޑް ޑިވިޝަންގައި ފުރަތަމަ ފަހަރަށް ނިއު ބަލިވިއިރު އެލްޓީ އަދި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއްނުވެއެވެ.

އެ ޓީމުގެ ގްރޫޕް ދޭއްގެ އެއްވަނައަށް ޖެހިލީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ. އަދި ނިއު ރޭޑިއަންޓް ދެވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް